ކުޅިވަރު

ކުޅިވަރު ޕޮލިސީއެއްނެތި ކުޅިވަރު ހަރުދަނާ ނުކުރެވޭނެ: ނިޒާމްބެ


ރާއްޖޭގައި ކުޅިވަރު ޕޮލިސީއެއްނެތް ކަމަށާއި މިހެންވެ ކޮންމެ ސަރުކާރަކުން ކަންކަން ރާވަނީ ކުޅިވަރުގެ ފައިދާއަށްވުރެ ބޮޑަށް އެބަޔަކަށް ފަހިވާ ގޮތަށް ކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ ކޮންމެ އައު ސަރުކާރަކާއެކު އެސޯސިއޭޝަންތަކުގެ ވެރިން ބަދަލުކުރަން މަސައްކަތް ކުރަނީ ޕޮލިސީއެއްނެތުމުން ކަމަށެވެ.

"މީގެ ބަދަލުގައި ރާއްޖޭގައި ކުޅިވަރު ޕޮލިސީއެއް ލިޔެ އަމަލުކުރަން ޖެހިއްޖެ. އެއިރުން ޔޫތު މިނިސްޓަރަކަށް އަންނަ ކޮންމެ މީހަކަށް އެމީހަކު ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެ. އަޅުގަނޑު މިހާރު މަސައްކަތް ކުރަން ބޭނުންވަނީ މިފަދަ ކަމަކަށް،" ނިޒާމް ބުންޏެވެ.

ވެލެންސިއާ އާއި ނިއު އަދި އައިއެފްސީ އާއި ޔޫތަށް ކުޅުނު ޓީސީގެ ކުރީގެ ކޯޗު ބުނީ ރާއްޖޭގައި ސަރުކާރުގެ ސަމާލުކަމަށް ކުޅިވަރު އެއްވެސް އިރެއްގައި ނާންނަ ކަމަށާއި މިހާރު ކުޅިވަރުގެ މީހުން ދައްކާ ވާހަކަ ވެސް ގިނަ ފަހަރު އަޑުއަހާނެ ބަޔަކު ނެތް ކަމަށެވެ. އަދި ކުޅިވަރު ދަނޑުތަކާއި އެނޫން ވެސް ކަންކަން ކޮށްދެނީ ކެމްޕޭނަކާ ގުޅުވައިގެން ކަމަށާއި ކުޅިވަރުގެ ހަގީގީ ފައިދާ މިފަދަ އަމަލުތަލުގެ ސަބަބުން ފެނިގެންނުދާ ކަމަށެވެ.

"ކޮންމެ ބައެއްގެ ވެސް ކަމަކީ ފާޑުކިއުން. ތަނަކަށް ބަޔަކު ލާފައި ދެން އޮންނަނީ ސަޕޯޓްނުދީ ފާޑުކިއުން. މިކަން ހުއްޓާލަންވެއްޖެ. އެކަމަކު ކުޅިވަރުގެ ވައުދުތަކަށް މަސައްކަތް ކުރާ ބަޔަކު މިހާރު ތިބިތަނެއް ނުފެނޭ. މިއީ ވަރަށް ބޮޑު މައްސަލައެއް،" ނިޒާމް ބުންޏެވެ.