ޚަބަރު

ވެކްސިން ޖަހާފައި ތިބި ކުދިންގެ މައުލޫމާތު ފޮނުވަން ސްކޫލުތަކަށް އަންގައިފި


ވެކްސިން ޖަހާފައި ތިބި ކުދިންގެ މައުލޫމާތު ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ މަޢުލޫމާ އަންނަ މަހުގެ 27 ގެ ކުރިން މީމިސް މެދުވެރިކޮށް އެންގުމަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ސްކޫލްތަކަށް އަންގާފައިމިވަނީ ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިދިޔަ ހަފުތާގައި ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ، އެ ދަރިވަރެއްގެ މައުލޫމާތު އެޑިއުކޭޝަންގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނާ ހިއްސާކުރުމަށް އަންގާފައެވެ. އަދި އެ ސެކްޝަން މެދުވެރިކޮށް ނުވަތަ އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި ބައިވެރިކޮށް ވެކްސިން ފުރިހަމަކުރުމަށް މަސައްކަތްކުރުމަށް ސްކޫލުތަކަށް ވަނީ އަންގާފައެވެ.

ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު އެޗްޕީއޭއިން ވަނީ ބަދަލު ގެނެސްފައެވެ. ރާއްޖޭގެ ސްކޫލްތަކަށް ކޮންމެ ގްރޭޑަކަށް އަލަށް ވައްދާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ޤައުމީ ވެކްސިން ތާވަލުގައި ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން ކަށަވަރުކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސަރކިއުލާގައި ބުނެފައިވެއެވެ.

ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވައްދާއިރު ވެކްސިނުގެ މައުލޫމާތު ސާފުކުރި ނަމަވެސް ދާދިފަހުން ވަނީ ވެކްސިން ނުދީ ސްކޫލަށް ކުދިން ވައްދާ މައްސަލައެއް ފެންމަތިވެފައެވެ. އަދި މިފަދަ މަޢުލޫމާތުތައް ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖެއިން ހިމަބިހި ފެންނަމުންދާ ކަން މިދިޔަ ހޯމަ ދުވަހު ސަރުކާރުން އިޢުލާންކޮށް، ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ.
މިގޮތުން މިހާތަނަށް ތިން މީހަކަށް ހިމަބިހި ޖެހިފައިވާއިރު 1200 އަށް ވުރެ ގިނަ މީހުންނަށްވަނީ ވެކްސިން ޖަހާފައެވެ.