ޚަބަރު

އިސްލާމް ދީނާ މީސްތަކުން ދުރުހެލިވުމުގެ އެއްސަބަބަކީ މީސްތަކުންނާމެދު ޢަމަލްތައް ބެހެއްޓޭ ގޮތުން : މުފްތީ މެންކް


މީސްތަކުންނާ މެދު ޢަމަލު ތައް ބެހެއްޓޭގޮތުން އިސްލާމް ދީނާއި މީހުން ދުރުހެލި ވާކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުފްތީ އިސްމާޢީލް މެންކް، އައްޑޫސިޓީގައި ރޭ ދަރުސް ދެއްވަމުން، ވަނީ އިސްލާމް ދީނާ މީސްތަކުން ދުރުހެލިވާ ގިނަ ސަބަބުތަކެއް ފާހަގަ ކުރައްވާފައެވެ. މުފްތީ ވިދާޅުވީ މިފަދަ ކަންތައްތަކުގެ ތެރޭގައި ދީނާއި ގުޅޭ އެންމެ ޞައްޙަ މަޢުލޫމާތު އޮޅުން ނުފިލުންވެސް ހިމެނޭ ކަމަށެވެ.

މިކަމުގެ މިސާލު ދައްކަވައި މުފްތީ ވިދާޅުވީ، ކުޑައިރުއްސުރެން ދީނުގެ ކަންކަން އޮންނަ ގޮތް އޮޅުންފިލުވައިދޭން މަސައްކަތް ކުރި ނަމަވެސް، ކަންކަމުގައި ދީނީގޮތުނ ހިފަހައްޓަންޖެހޭ ސަބަބުތައް ރަގަޅަށް ބުނެ ދެވިފައިނުވާކަމަށެވެ. ނުވަތަ އެކަމާ މެދު ސުވާލު ކުރުމުން ގިނަ ފަހަރަށް އެކަށީގެންވާ ޖަވާބު ވެސް ނުދެވޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑުވެގެން އަންނަ ކުދީންނަށް ، ދީނުގައި އުޅެން ޖެހޭ ސަބަބު ނޭނގި ދީނަކީ އިޚުތިޔާރީ އެއްޗެއް ކަމަށް ހީވެފައި އޮންނަ ކަމަށެވެ.
މުފްތީ ވިދާޅުވީ، ގިނަ ފަހަރަށް މީހުންގެ ހިތްތަކުގައި ދީނާމެދު ނަފްރަތު އުފެދެނީ، ދީނަށް ގޮވާލުމުގައި ޢަމަލުތަށް ބަހައްޓާ ގޮތުން މަށާއި، މުސްލިމަކަށް ވިއަސް އައިރު މުސްލިމަކަށް ވިޔަސް އިންސާނަކަށްވީތީ، ކުރަން ޖެހޭ އިޙްތިރާމެއް ކުރަން ޖެހޭނެ ކަމަށެވެ.

މީސްތަކުން ދީނީ ކަންކަމުގައި އެހީ އަށް އެދުމުން އޭނާއަށް މަލާމާތް ކޮށްގެން ނުވާނެ ކަން މުފްތީ ފާހަގަ ކުރެއްވިއެވެ. މިގޮތުން ދުވާލަކު އެންމެ ނަމާދެއް ކުރާ މީހާގެ މިސާލު ދައްކަވަމުން މުފްތީ ވިދާޅުވީ، އެމީހާ ދެވަނަ ފަހަރު ދިމާވާއިރު ދުވާލަކު ދެ ނަމާދު ކުރިއަސް އޭނާ އަށް މަލާމާތް ނުކޮށް އޭނާގެ އެ ކުރިއެރުން ބަލައިގަންނަން ޖެހޭ ކަމަށެވެ. މިފަދަ ކަންކަމުގައި ރިވެތި އަޚްލާޤް ގެންގުޅުމުގެ މުހިންމު ކަން މުފްތީ ފާހަގަ ކުރެއްވިއެވެ. އެންމެ ފަހުން އެމަނިކުފާނު ރާއްޖެ ޒިޔާރަތް ކުރެއްވިއިރު މާލެއާ ހުޅުލެއާދެމެދު އަޅަފައިވާ ބުރިޖް ނިމުމަކާ ކައިރިވެފައި އޮތް ކަން ފާހަގަ ކުރައްވައި، އަދި މިހާރު މިބްރިޖް ހުރަސްކޮށް މީހުން ދަތުރު ކުރަމުންދާކަމުގެ މިސާލު ދައްކަވައި ވިދާޅުވީ މިއުޞޫލުން ދީން އުނގެނުމަށް ވެސް ވަގުތު ނަގާނެ ކަމަށާއި، އެގޮތަށް ވަގުތު ނަގާ މީހުންނަށް ނުރުހުމުގެ ބަސްތަށް ބޭނުން ނުކުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގަތެވެ.

މިތަޤްރީރު އަޑުއެހުމަށް އައްޑޫސީޓީގެ ގިނަ ރައްޔިތުން ޙާޟިރުވިއެވެ. މިއީ މުފްތީ މެންކް އައްޑޫ އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު މީގެ ކުރިން 2018 ވަނަ އަހަރު މޭއި މަހުވެސް އައްޑޫގައި ވަނީ ދަރުހެއް ދެއްވާފައެވެ. މުފްތީ މެންކް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ދެއްވާ ދަރުސްތަކުގެ ތެރެއިން މިރޭ ކުޅުދުއްފުށީގައި ދަރުސް ދެއްވާނެއެވެ. މީގެ އިތުރުން މުފްތީ މެންކް، ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުނަމާދު ކުރަމަށް ވަނީ ހަމަ ޖެހިފައެވެ..