ޚަބަރު

ހަށިވިއްކުވި މައްސަލައާއި ގުޅުންހުރި 11 މީހަކު ހައްޔަރުކޮށްފި


ފުވައްމުލަކުގައި ދެ އަންހެންކުއްޖަކަށް ބިރުދައްކައިގެން ހަށިވިއްކުވި މައްސަލާގައި މިހާތަނަށް އެކަމާގުޅުންހުރި 11 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.އިސްކަންދަރުކޮށީގައި ނޫސްވެރިނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑްގެ ހެޑް، ޗީފް ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، އުމުރުން 14 އަހަރާއި އުމުރުން 16  އަހަރުގެ ދެ އަންހެން ކުދިންނަށް މަސަތުވާތަކެތި ދީގެންނާއި އެކުދިން ބަރަހަނާ ކުރުމަށްފަހު އެކުދިން ބްލެކްމެއިލް ކޮށްގެން ބަދުއަޚުލާގީ އަމަލު ހިންގައި އެކުދިންލައްވައި ހަށިވިއްކުވި މައްސަލަ ފުލުހުން ބަލަންފަށާފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހުކަމަށެވެ. އެގޮތުން އެމައްސަލަ ބެލިބެލުމުން އެކަޝީގެންވާ ހެއްކާއި ގަރީނާ ލިބިފައިވާކަމަށާއި، މި މައްސަލައިގައި މިމަހުގެ ދިހަވަނަ ދުވަހު 10 މީހުން ހައްޔަރުކޮށްފައިވާއިރު، މިމައްސަލާގައި އެކަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ."މިމައްސަލައިގެ ސީރިއަސްކަމުން މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މާލެއިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ މުވައްޒަފުން ފުވައްމުލަކަށް ގޮސް، އިތުރަށް މިމައްސަލައިގެ ތަޙްޤީގުގައި ބައިވެރިވެ މައްސަލައިގެ ތަޙޤީގު ކުރިއަށް ގެންގޮސްފައިވޭ" ހަމްދޫން ރަޝީދު ވިދާޅުވިއެވެ.ފުލުހުން ބުނީ މި އެގާރަ މީހުންނަކީ އުމުރުން 20 އަހަރާއި 55 އަހަރާދެމެދުގެ މީހުންކަމަށާއި، އޭގެ ތެރެއިން ފަސްމީހުނަކީ، މަސްތުވާތަކެތީގެ މައްސަލައާއި ވައްކަމާއި،  ބަދުއަޚުލާގީ މައްސަލާގައި ރެކޯޑް އިންނަ މީހުންކަމަށެވެ.  ހަމްދޫން ވިދާޅުވީ، އެމައްސަލާއިގައި އިތުރަށް ބަލަންޖެހޭކަންކަން ބެލުމަށް ކޯޓްއަމުރުގެ ދަށުން ފުލުހުންގެ ޓީމަކުން މިހާރުވެސް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ.މިމައްސަލައިގައި ބިރުދައްކައިގެން ހަށި ވިއްކުވި ދެއަންހެންކުދިންގެ ތެރެއިން އެއްކުއްޖަކު ބަލިވެއިންކަމަށް ވާހަކަފެތުރުނު ނަމަވެސް  އެދެކުދިންގެ ޓެސްޓްތަކެއް ހަދާފައިވާކަމަށާއި އެއީ ތެދުވާހަކައެއްނޫންކަމަށް ހަމްދޫން ވިދާޅުވިއެވެ.މީގެ އިތުރުން މާލޭގެ ގެއެއްގައި މައިންބަފައިން ޖިސްމާނީ އަނިޔާކުރާ ފަސްކުއްޖެގެ ވާހަކަ ބައެއް މީޑިއާތަކުގައި ފެތުރުނު ޚަބަރާގުޅޭގޮތުން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މަޢްލޫމާތު ދިނެވެ. ފުލުހުންބުނީ، އެމައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުންދާކަމަށާއި،އެކުދިންގެ ދޮންބައްޕައަށް އެޚަބަރުތަކުގައި ކޮށްފައިވަނީ ރަނގަޅު ތުހުމަތުތަކެއްނޫންކަމަށެވެ. އަދި އެއީ ޙަޤީޤަތް އޮޅޭގޮތަށް ފަތުރާފައިވާ ޚަބަރެއްކަމަށް ފުލުހުން ބުނެއެވެ.