ކުޅިވަރު

2023 ގެ އައިއޯއައިޖީ އާއި ގުޅޭ ލިޔެކިޔުންތައް މިހާރު ވަނީ ނިމިފައި: މަރުޒޫގް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ގުޅޭ ލިޔެކިޔުންތައް މިހާރު ނިމިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ޕްލޭން ސަރުކާރަށް ހުށަހަޅާނެކަމަށް އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވިދާޅުވެއްޖެއެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ގޭމްސްގެ އިދާރީ ގިނަ ކަންކަން މިއަހަރު ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި މަސައްކަތްކުރާ މީހުންނާއި ބައްދަކޮށް އައިއޯއައިޖީއަށް މިހާރު ޕްލޭނެއް ތައްޔާރުކުރެވިފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގުވަނީ ވިދާޅުވެފައެވެ.

މަރުޒޫގު ވިދާޅުވީ ކުޅިވަރުގެ އެންމެންގެ ބައިވެރިވުމާއިއެކު ތައްޔާރުކުރެވުނު ޕްލޭން އަންނަ ހަފްތާގެ ތެރޭގައި ސަރުކާރާއި ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެ އިތުރުން އައިއޯއައިޖީ ތައްޔާރުވުމަށް ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އޯގަނައިޒިންގ ކޮމެޓީ އެކުލަވައިލެވޭނެކަމަށާއި، މައި ކޮމިޓީގެ ދަށުން އިތުރު އެހެން ކޮމިޓީތައްވެސް އެކުލަވާލެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުސިލް މީޓީންތައްވެސް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ފެށޭނެކަމަށްވެސް މަރުޒޫގު ވިދާޅުވިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ މިހާތަނަށް ބައިނަލްއަގްވާމީ އެންމެ ގިނަ މެޑަލް ދިވެހިރާއްޖެއިން ހޯދި ކުޅިވަރު ގޭމްސްކަން ފާހަގަކޮށްލެވެއެވެ.