ކުޅިވަރު

ސައުދީއާ އެކު އެއްބަސްވުން ކުރިން ނުހެދުނީ ބައްސާމްއާ ހެދި: އިރުތިޝާމް


ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނާއިއެކު ރާއްޖޭގެ އެފްއޭއެމުން ހެދި އެއްބަސްވުން ލަސްވީ ބައްސާމްގެ ސަބަބުންކަމަށް ކުރީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެފްއޭއެމުންވަނީ މިހަފްތާގައި ސައުދީ އަރަބިޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ފުޓްބޯޅައިގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލުންނާ ގުޅުން ހުރި ކަންކަމުގައި ސައުދީއަރަބިއްޔާއިން ދިވެހިރާއްޖެއަށް އެހީވާނެއެވެ.

މިދިޔަ ސަރުކާރުގެ ކުޅިވަރު ވަޒީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިރުތިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމަކީ މީގެ ދެ އަހަރުކުރިން ހަމަޖެހިފައިވާކަމެއްކަމަށާއި، އެއްބަސްވުމުގައި ސޮއިނުކުރެވުނީ ބައްސާމްގެ ސަބަބުންކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބައްސާމްގެ ފަރާތުން އެހީތެރިކަން ލިބުނުނަމަ މީގެ ދެ އަހަރުކުރިން މިކަން އޮންނާނީ ނިމިފައިކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

އެފްއޭއެމުން ވަނީ، 2018 ވަނަ އަހަރު ގަތަރުގެ ފުޓްބޯޅަ ފެޑްރޭޝަން އާއެކު ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި ދެކުނު އަދި ހުޅަނގު އޭޝިއާގެ ފުޓްބޯލް ފެޑްރޭޝަން (ސްވާފް) ގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ. އަދި ސްވާފްގެ ސީނިއާ ނައިބު ރައީސްގެ މަގާމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް އިންތިހާބުވެ ވަޑައިގެންނެވި އެވެ.