ޚަބަރު

ކައުންސިލްތަކަށް މުސާރަ ކަނޑައެޅުމުގައި ތަފާތު ކޮށްފައެއް ނުވާނެ: ރައީސް


މުސާރަ ކަނޑައެޅުމުގައި ކައުންސިލްތައް ތަފާތު ނުކުރައްވާނެ ކަމަށާއި، ކައުންސިލަރުންގެ މުސާރަ ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގެ ޕެނަލްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްވަނީ މިސަރުކާރުން އެއްވެސް ބައެއްގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ސިޓީތަކާއި، ރަށްރަށުގެ ކަންކަން ބަލަހައްޓާނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ހަމަހަމަކޮށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ މުސާރައާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ކައުންސިލްތަކަށް މުސާރަ ކަނޑައެޅުމުގައި ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިޓީތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތި ސިޓީ ކައުންސިލްތަކުގެ މުސާރަ އެއްވަރުވާއިރު، ރަށު ކައުންސިލްތަކުގެ މުސާރަވެސް ހަމަހަމަ ވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މުސާރައިގެ އަދަދު ކަނޑައަޅައި ނިމި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަ ކުރައްވާފައެވެ. ރައީސް ވަނީ ކައުސިލަރުންނާއި ކައުންސިލްގެ މުއައްޒަފުންގެ މުސާރައިގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.

"މި ކަންކަން ކުރުމުގައި އަޅުގަނޑުމެން ތަފާތުކޮއްފައެއް ނުވާނެ. ސިޓީތަކުގެ ކުޑަ ބޮޑު މިނަށް ބަލާފައި އެންމެ ފުަރަތަމަ ހުށަހެޅުނަސް މިހާރު އޮންނާނީ އެކަން ބަދަލުކޮށް ހުރިހާ ސިޓީއަކަށް އެއްހަމައެއް، ހުރިހާ ރަށަކަށް އެއް ހަމައެއް ވަނީ ކަނޑައަޅާފައި. ސިޓީ މޭޔަރަށް 40 ހާސް، ޑެޕިއުޓީ މޭޔަރަށް 35 ހާސް، ސިޓީ ކައުންސިލް މެމްބަރުންނަށް 30 ހާސް، އަތޮޅު ކައުންސިލަށް 28 އަދި ރަށު ކައުންސިލަށް 12 ހާސް ކަމަށް ކަނޑައަޅާ މަޖިލީހަށް ފޮނުވާފައިވާނީ. މަޖިލީސް ފެށުމުން މި މަސައްކަތް ދެށިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޙާއްސަކޮށްގެން ބާއްވާ "އިރުވައި ކޮންފަރެންސް"އަކީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.