ޚަބަރު

ތަރައްޤީ ގެނެވޭނީ މާލެއާއި އަތޮޅުތަކުގެ ފަރަޤު ކުޑަކޮށްގެން - ރައީސް


އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުން އަތޮޅުތެރޭގެ ރައްޔިތުންނާމެދު ތަފާތުކުރުން އޮތް މިންވަރު ހާމަވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ އިރުވައި ކޮންފަރެންސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ މާލެއާއި އަތޮޅު ތެރޭގައި އޮތް ފަރަގު ކުޑަކުރެވިގެންކަމަށެވެ.

ތިލަދުންމަތީ އިރުވައި ކޮންފަރެންސް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ތަރައްޤީކުރުމުގައި މާލެއާއި އަތޮޅުތެރޭގެ ފަރަގު ކުޑަކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ނިސްބަތަށް އެކަނި ބަލައިލިކަމުގައި ވީނަމަވެސް އަތޮޅުތެރެއާއި މާލެއާއި ދެމެދު އޮތް ފަރަގު ފެނިގެންދާކަމަށެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރުމުގައި އެންމެބޮޑު އިސްކަމެއް ދޭންޖެހެނީވެސް އަތޮޅުތެރެއާއި މާލެއާއި އޮތް ފަރަގު ނައްތާލުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްގީކުރުމަކީ މާލެއާއި މާލެކައިރީގައިވާ ތަންތަން ތަރައްގީ ކުރުންނޫންކަމަށާއި، ސަރުކާރުން ގަބޫލުކުރާ ތަރައްގީއަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

"މާލެއާއި އަތޮޅުތެރެއަށް ބަލާއިރު ވަރަށްބޮޑު ތަފާތެއް އެބަފެނޭ. ފަގީރުންގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ 74 ރުފިޔާކަމަށް. މާލޭގައި މިއަދަދު ނިލިބޭ ޕަސެންޓަކީ 1.8. އެކަމަކު އަތޮޅުތެރޭގައި އެބައުޅޭ 12.8 ޕަސެންޓް. މިފަރަގު އަޅުގަނޑުން އެބަޖެހޭ ނައްތާލަން. މިފަރަގު ނައްތާލައިގެން ނޫނީ ރާއްޖެއަށް ތަރައްޤީއެއް ނާންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު އަތޮޅުތެރޭގެ ކަންކަން ހިންގުމުން ޒިންމާ އުފުލާ ފަރާތަކީ ކައުންސިލްތައްކަމުގައި ރައީސް ވިދާޅުވިއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރުމަކީ އެމްޑީޕީގެ ފިކުރެއްކަމަށާއި، މިފިކުރާއެެކު ރާއްޖެ ބަދަލުކުރެވޭނީވެސް އެމްޑީޕީއަށްކަމަށް ރައީސް ވިދާޅުވިއެވެ.

2020 ވަނަ އަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވާ ކަންކަން ހާސިކުރުމުގެ އެންމެބޮޑު ދައުރެއް އަދާކުރައްވާނެ ބަޔަކީވެސް ކައުންސިލަރުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަދު ކޮންފަރެންސް ޚާއްސަކުރެވޭ ތިލަދުންމައްޗަކީވެސް ދައުލަތުގެ ބަޖެޓުން 200 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ސަރައްހައްދެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހިގާ އަހަރުގެ ބަޖެޓްގައި ތިލަދުން މައްޗަށް ގިނަ މަޝްރޫޢުތަކެއް ވަނީ ބަޖެޓްކުރެވިފައި. 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެކިއެކި މަޝްރުއޫ މިސަރައްދަށް ވަނީ ބަޖެޓް ކުރެވިފައި. މިއީ ވަޒީފާތައް އެފެދިގެންދާނެ މަޝްރޫޢުތަކެއް. މިމަޝްރޫޢުތައް ހިންގުމަށް މަސައްކަތްތެރިން ބޭނުންވޭ. މިމަސައްކަތަށް ބޭނުންވާ މީހުން އުފެއްދުމަކީވެސް ކައުންސިލަރުންގެ ޒިންމާއެއް." ރައީސް ވިދާޅުވިއެވެ.

ތިލަދުންމަތީ އިރުވައި ކޮންފަރެންސަކީ އެސަރަހައްދުގައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތުދެވިގެންދާނެ ކޮންފަރެންސެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކޮންފަރެންސުން ބިނާކުރަނިވި ބޭނުންތެރި އެތައް މައުލޫމާތުތަކެއް ލިބި، އެކަމުގެ ހެޔޮނަތީޖާ ކުރިއަށް އޮތް އިންތިޚާބުގައި ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.