ޚަބަރު

ރައިސީނާ ޑައިލޮގް 2020: މިނިސްޓަރ ޝާހިދު ބައެއް ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައިފި


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެށި "ރައިސީނާ ޑައިލޮގް 2020"ގެ ހަވާސާގައި އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި މިއަދު ފެށި ރައިސީނާ ޑައިލޮގް 2020 އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމަކުން 700 އަށްވުރެގިނަ މަންދޫބުންނާއެކު ފެށި ބައިނަލްއަޤްވާމީ މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ.

މިބައްދަލުވުމުގެހަވާސާގައި މިނިސްޓަރ ޝާހިދު މިއަދުވަނީ ޗެކް ރިޕަބްލިކާއި ލެޓްވިއަރގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، އެޤައުމުތަކާއި ރާއްޖެއާ އޮންނަ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެއިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ ބައްދަލުކުރައްވައި ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމަސައްކުގައި ދެން ކުރަންހުރި ކަންކަމާ ގުޅޭގޮތުން ދެފަރާތުން ވަނީ ޚިޔާލުބަދަލުކުރައްވާފައެވެ.

މީގެއިތުރުންވެސް ރައިސީނާ ޑައިލޮގްގެ ހަވާސާގައި "ކްލަިމެޓް ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ"ގެ ނަމުގައި ބޭއްވި ވައް މޭޒު ބައްދަލުވުމެއްގައިވެސް މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ނުރައްކާތެރިކަން މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.