ޚަބަރު

އިންތިޚާބުކުރާ ކައުންސިލަރުންނަކީ ރަށުގެ ތަރައްޤީއަށް ހުރަހަކަށް ވެގެން ނުވާނެ - ރައީސް


ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބުކަމަށާ، އިންތިޚާބުކުރާ ކައުންސިލަރުންނަކީ ރަށުގެ ތަރައްޤީއަށް ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުގެ ތެރެއިން ހދ. ވައިކަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޤައުމެއްގެ ތަރައްޤީގައި ކުލަ ޖައްސާނީ ކައުންސިލަރުން ކަން ފާހަގަކުރައްވާފައެވެ.

ހދ. ވައިކަރަދޫގައި އެމްޑީޕީއިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ރާއްޖޭގެ ރައްޔިތުން ސަރުކާރަށް، ވަޢުދުތައް ފުއްދުމަށް މަގު ފަހިކޮށްދީފައިވާއިރު، ކައުންސިލް އިންތިޚާބަކީ މި މަގުގެ މައި ތަޅުދަނޑިކަމަށް ސިފަކުރައްވާފައެވެ. ރައީސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ލިބިއްޖެނަމަ ޖަޒީރާ މެނިފެސްޓޯގެ ވަޢުދުތައް ބާރު ސްޕީޑްގައި ފުއްދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވަނީ ސަރުކާރުން ވައިކަރަދުއަށް ގެންނަން ނިންމަވާފައިވާ ތަރައްޤީގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ އިންޖީނުގޭގެ މައްސަލައާއި، ސްކޫލްގެ ޖާގަ އިތުރުކުރުން ފަދަ މަޝްރޫޢުތައް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ވޭތުވެ ދިޔަ ސަރުކާރުތަކުގައި ވަނީ ވަރަށް ބޮޑަށް ވައިކަރަދޫއަށް އިހުމާލުވެފައި. މިކަމަށް ހައްލު ހޯދައިދިނުމަށް އަޅުގަނޑުމެންގެ ބޮޑު ބަޖެޓުގައި ގިނަ ކަންކަން ވަނީ ހިމަނާފައި. އެގޮތުން ސްކޫލްގައި 12 ކްލާސްރޫމް ބިނާކުރުމަށް 2.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފެނަކައިން ދީފައިވާ ޖަނަރޭޓަރ ވައްދައިދޭނެ އިންޖީނުގެ އެޅުމާއި، އައުޓް ދޯ ޖިމް، ބަނދަރު ސަރަހައްދުން ފެން ހިއްކުމާއި މަސްމާރުކޭޓް ބިނާކުރުން މިއީ 2020ގެ ބަޖެޓްގައި ހިމެނޭ ކަންކަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރަކީ ރައްޔިތުންގެ ޝަކުވާ އަޑު އަހާ ހައްލު ހޯދައިދޭނެ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން އެމްޑީޕީއަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލްގެ މެޖޯރިޓީ ދިންނަމަވެސް ސަރުކާރު ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ރަށުގެ ތަރައްޤީއަށް ހުރަހަކަށް ވެގެން ނުވާނެކަމަށެވެ.

"ރައްޔިތުން އެމްޑީޕީއަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލް ދިން ކަމުގައި ވިޔަސް ސަރުކާރު ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ. އަޅުގަނޑުމެންގެ ތަރައްޤީގެނައުމަށް ކައުންސިލަރުން މި ކުލަތައް ޖައްސަން ބޭނުންވޭ. މިކަން އަޅުގަނޑުމެންނަށް ކޮށްދެއްވުން ވަރަށް މުހިންމު." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކުރާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ ބައެއް ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ. އަދި ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޙާއްސަކޮށްގެން ބާއްވާ "އިރުވައި ކޮންފަރެންސް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމާލުމައްފަހު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.