ޚަބަރު

ވަސީލަތްތައް ބެހުމުގައި ބަލާނީ އެކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރަށް އެކަނި - ރައީސް ނަޝީދު


މި ސަރުކާރުން ވަސީލަތްތައް ބެހުމުގައި ބަލާނީ އެކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރަށް އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް" މި ނަމުގައި އެމްޑީޕީން ރާއްޖޭގެ އުތުރުގެ ރަށްރަށަށް ފަށާފައިވާ ކެމްޕެއިން ދަތުރުގެ ތެރެއިން ހދ. ކުމުންދޫ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވަނީ ރާއްޖޭގެ ތަރައްޤީކުރުމަށް ހުރި ފައިސާ ވޭތުވެ ދިޔަ ތަނުގައި ނަހަމަގޮތުގައި ބޭނުންކޮށް ބޭކާރު ކޮއްފައިވާކަމަށް ވިދާޅުވިއެވެ. އެފަދަ ކޮރަޕްޝަންގެ ސަބަބުން މިއަދުވެސް ދިވެހިންގެ ޙާލަތު ދަށު ދަރަޖައެއްގައި ވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރުން ވަސީލަތްތައް ބެހުމުގައި ބަލާނީ އެކަމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރަށް އެކަނިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުމުންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވަނީ ކުމުންދޫގެ އަސާސީ ޚިދުމަތްތައް ލިބުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވައި ލައްވަފާއެވެ. އެގޮތުން ރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓްގައި 5 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ރަށުގެ ނަރުދަމާ ނިޒާމުގެ ޑިޒައިންގެ މަސައްކަތް ކުރަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސް ވަނީ ލާމަރުކަޒީ ނިޒާމު މިހާރު ފައްކާކުރެވިފައި ވާއިރު، ކައުންސިލް ތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެން މެނުވީ ތަރައްޤީގައި ދިވެހިން ދެކޭ ހުވަފެންތައް ހަޤީޤަތަކަށް ނުހެދޭނެ ކަމުގައި ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ރަށުގެ އާބާދީއަކަށް ނޫން ބަލަނީ. ތަރައްޤީ ގެންނަން ބޭނުންވެފައިވާ މިންވަރި. މި ސަރުކާރުން ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުރިހަމ ކޮއްދޭނަން. އަކުރުން އަކުރަށް ރަނުން ރަނަށް މި ވަޢުދުތައް ފުއްދާ ދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ކެމްޕެއިން ޓީމް ކުމުންދޫއަށް އައުމުން ރަށުގެ ރައްޔިތުން ވަނީ ރަށަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށް ޝަކުވާ ހުށަހަޅާފައެވެ. މި މައްސަލަތައް އަވަސް މުސްތަޤުބަލެއްގައި ހައްލުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ވަނީ ކުމުންދޫ ރައްޔިތުންނަށް ދެއްވާފައެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ފަށާފައި ވާއިރު، މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައިވެއެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ވެސް ބާއްވާނެއެވެ.