ޚަބަރު

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމުގެ އެންމެބޮޑު ޒިންމާއެއް އުފުލާނީ ކައުންސިލަރުން - ރައީސް


ރަށްރަށުގެ ވަށައިގެންވާ ކަނޑުފަޅާއި ދިރުންތައް ހިމާޔަތްކުރުމުގެ އެންމެބޮޑު ޒިންމާއެއް އުފުލާ ފަރާތަކީ ކައުންސިލަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހދ.ނޭކުރެންދޫގައި "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން"ގެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ރަށްރަށުގެ އިޚްތިޞާސްގައި ހިމެނޭ ކަންކަން ބެލެހެއްޓުނުގައި ކައުންސިލްތަކުން ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހދ.ނޭކުރެންދޫގައި "ބްލޫ ޕްރެސްޕްރިޓީ ކޯލިޝަން"ގެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ލާމަރުކަޒީޤާނޫނަށް އިސްލާހު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލާފައި ވަނީ ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކަމަށެވެ. ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަނޑުފަޅާއި، ދިރުންތަކާއި، ރަށުވެށީގައި ހިމެނޭ އެންމެހައި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ.

ޤައުމުގެ ކުރިއެރުން ދެމިގެންދަނީ ގެނެވޭ ތަރައްޤީގެ މައްޗަށް ކަމުގައި ވާއިރު، ތަރައްޤީ ގެނައުމުގައި ގުދުރަތީ މުއްސަދިކަމާއި ކަނޑުފަޅުގެ ދިރުން ނެތިދާނޭގޮތަކަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭ ތަރައްޤީއަކީ ޖާޒީރާވަންތަކަން ނުގެއްލޭގޮތަށް ގެނެސްދޭ ތަރައްޤީއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ޚިލާފަށް ކަނޑުގެ ބޮޑު އިންސަތައަކަށް ބަރޯސާ ވެފައިވާ ޤައުމަކަށްވާއިރު ކަނޑާއި، ފަޅާއި، ފަރުތަކުގެ ދިރުންތައް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން"ގެ ފަރާތުން ރާއްޖޭގެ ކަނޑުތަކުގެ ޚާއްސަ ސައިންޓިފިކް ދިރާސާތަކެއް ހަދައި އެކުލަވާލެވޭ ކަރުދާހެއްގެ މައްޗަށް ސަރުކާރުން ސިޔާސަތު ތަކެއް ކަނޑައަޅުއްވާނެކަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކުރެވޭ އެންމެބޮޑު ދިރާސާކަމަށާއި، މިދިރާސާ ކުރުމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް އިތުރު ނަފާއާއި މަންފާ ލިބޭނެ ގޮތްތަކެއް ހޯދުމަށްކަމަށެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ތިމާވެށީގެ އެކި ހާދިސާތަކުން ރާއްޖެފަދަ ކުޑަ ގައުމަކުން އިބްރަތް ހާސިލް ކުރަންޖެހޭކަމަށެވެ. ރާއްޖެއަކީ އާބާދީ މަދު ވަސީލަތްތައް މަދު ގައުމަކަށް ވީނަމަވެސް ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަކާއި ދިރުން މާގިނަ ގައުމެއްކަމަށް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ތަރައްޤީކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ވާގޮތަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބްލޫ ޕްރެސްޕްރިޓީ ކޯލިޝަން"ގެ ހަރަކާތަކީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ހިންގާ ޚާއްސަ ހަރަކާތެއް ކަމަށެވެ.
މިހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ފިޝަރީސް މިނިސްޓްރީން ހިންގާ ހަރަކާތެކެވެ.