ވިޔަފާރި

ކޫއްޑޫގައި ސްކައި ޑައިވިންގެ ބޮޑު ހަރަކާތެއް ބާއްވަނީ


އަންނަމަހު ސްކައި ޑައިވިންގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ސްކައި ޑައިވް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

މި ހަރަކާތް ކުރިއަށްދާނީ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކޫއްޑޫގައިކަމަށް ސްކައި ޑައިވް މޯލްޑިވްސްއިން ބުނެއެވެ.

ސްކައިޑައިވް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި އާންމުންނަށް ސްކައި ޑައިވިންގ ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސްކައި ޑައިވް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތް އެކި ކެޓަގަރީތަކަށް ބަހާލާފައިވާއިރު، ސިންގަލް ޖަމްޕަކަށް 390 އެމެރިކާ ޑޮލަރު ނަގާއިރު ކެމެރާއަކާއެކު ފުންމާލާ ފަރާތްތަކަށް 450 އެމެރިކާ ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކެމެރާކުރާ މީހަކާ އެކު ފުންމާލުމުގެ ފުރުސަތުވެސް އޮތްއިރު، އެކަމަށް 580 ޑޮލަރު ނަގާނެކަމަށް ސްކައިޑައިވް މޯލްޑިވްސްއިން ބުނެއެވެ. އަދި ދެމަފިރިން ކެމެރާއާއެކު ސްކައިޑައިވްކުރަން ބޭނުންވާނަމަ 890 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެކަމަށްވެސް ސްކައިޑައިވް މޯލްޑިވްސްއިން ބުނެއެވެ.

މި ޙަރަކާތުގައި 20 ޤައުމަކުން ލައިސަންސް އޮތް 300 ސްކައި ޑައިވަރުން ބައިވެރިވެވޭނަކަމަށް ސްކައި ޑައިވް މޯލްޑިވްސްއިން ބުނެއެވެ.

ފެބްރުއަރީމަހު އޮންނަ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާއިރު ދާދިފަހުން މަންޓާ އެއަރލައިނުން ވަނީ މި ޙަރަކާތުގައި ބައިވެރިވުމަށް ދެމީހަކަށް ހިލޭ ސްކައި ޑައިވްކުރުމުގެ ފުރުސަތުދިނުމަށްވެސް ނިންމާފައެވެ.

މަންޓާއިން ބުނީ މި ޕްރޮމޮޝަންގައި ބައިވެރިވުމަށް މަންޓާގެ ފޭސްބުކް ޕޭޖާއި ސްކައި ޑައިވް މޯލްޑިވްސްގެ ޕޭޖަށް ލައިކް ދިނުމަށްފަހު ސްކައި ޑައިވަށް ގެންދާނެ ރަށްޓެއްސަކު ޓެގު ކުރަންޖެހޭކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ސްކައި ޑައިވްކުރުމަށް ލިބޭ ފުރުސަތުގެ އިތުރުން ހޮވޭ ނަސީބުވެރި ދެފަރާތަކަށް މަންޓާއިން ދެކޮޅު ޓިކެޓް ހިލޭ ދިނުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ސްކައި ޑައިވް މޯލްޑިވްސްއިން މީގެކުރިންވެސް ވަނީ ސްކައިޑައިވްގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. 2018 ވަނަ އަހަރު "މޯލްޑިވްސް ބޫގީ- ޓެންޑެމް ސްކައިޑައިވް"ގެ ނަމުގައިވެސް މުބާރާތެއް ވަނީ ބާއްވާފައިވެއެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން 2015 ވަނަ އަހަރު އައްޑޫ ސީޓީގައި ވެސް ސްކައިޑައިވިންގ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.