ޚަބަރު

ފެރީ އެކްސިޑެންޓްގައި އަނިޔާވި އެކަކު ފިޔަވައި އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި


ރޭ އިރާކޮޅު ހުޅުލޭ ނެރުމަތިން ފެރީ ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ފަސްމީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ،

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ. މިހާރު ފަރުވާދެމުން ދަނީ އެންމެ މީހަަކަށް ކަމަށާއި އޭނާގެ ހާލުވެސް ސީރިއަސް ނޫންކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާވެސް ދޫކޮށްލާނެ ކަމުގައި މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރޭ ގެ އެކްސިޑެންޓްގައި އަނިޔާވީ ފެރީ ދޯނީގައި ތިބި އަންހެން ހަތަރު ފަތުރުވެރިއަކަށާއި، ލޯންޗުގެ ކެޕްޓަނަށެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެހެންނަމަވެސް މިއެކްސިޑެންޓްގައި ފެރީ ދޯންޏާއި ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:30 ހާއިރުގައި ކަމަށާއ، އެކްސިޑެންޓްވީ ރޭގެ 21:45 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ފެރީ ދޯންޏަކީ، ފަތުރުވެރިން ގޮވައިގެން ހުޅުމާލެއަށް ދިޔުމަށްޓަކައި، ހުޅުލޭގެ އުތުރު ފަރާތު ނެރުން ނުކުތް ދޯންޏެއް ކަމަށެވެ.