ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށާއި އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ މާދަމާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ. އަދި މާދަމާ ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
Active southwest monsoon over the Maldives pic.twitter.com/Gxncm4P2fn
— Maldives Meteorology (@MetMaldives) July 30, 2026
މޫސުމީ އެންމެ ފަހުގެ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާ ހިއްސާކުރައްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑަށް މޫސުން ގޯސްވެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވަޙީދު ވިދާޅުވީ، ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި، ވަކިން ހާއްސަކޮށް ހުކުރު ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.