މެލޭޝިޔާއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ 5,000 ރެފިއުޖީން އަނބުރާ ޤައުމަށް ގެންދިޔުމަށް މިޔަންމާ ސަރުކާރުން އެއްބަސްވެފައިވާ ކަން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި މި ވަނީ، ރޮހިންޔާ ރެފިއުޖީންނާއި މެލޭޝިޔާގެ ރައްޔިތުންނާމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޖުލައި 29 ވަނަ ދުވަހު ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، މިޔަންމާ ސަރުކާރުން 5,000 ރެފިއުޖީން އަނބުރާ ގެންދިޔުމަށް އެއްބަސްވެފައި ވަނީ ދެ ސަރުކާރުގެ މެދުގައި އޮތް ގާތް ގުޅުމަށް ބިނާކޮށް، ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަކަށް ފަހުގައި ކަމުގައެވެ.
މި މައްސަލައިގައި މެލޭޝިޔާގެ ދާޚިލީ ވަޒީރު ސައިފުއްދީން ނަސޫޝިޔަން އިސްމާޢީލް ވިދާޅުވީ، އަނބުރާ މިޔަންމާއަށް ފޮނުވައިލާނެ ރެފިއުޖީން ދެނެގަތުމުގެ މަސައްކަތް އޭނާގެ ވުޒާރާއާ ރަސްމީކޮށް ޙަވާލުކޮށްފައިވާ ކަމުގައެވެ. އަދި، މި ކަމާ ގުޅޭ ގޮތުން މެލޭޝިޔާގެ ޚާރިޖީ ވުޒާރާއިން މިޔަންމާ ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިޔަންމާ ސަރުކާރާއި، ރެފިއުޖީންނާ ބެހޭ އެކުވެރި ދައުލަތްތަކުގެ (އދ) އޮފީހުން މި ކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ އެތައް ހާސް ބަޔަކު މެލޭޝިޔާއަށް ހިޖުރަކޮށްފައި ވަނީ، މިޔަންމާ ސަރުކާރާއި އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށެވެ. މެލޭޝިޔާއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދެކެއެވެ. ރެފިއުޖީންނާ ބެހޭ އދގެ އޮފީހުން ވަނީ، މެލޭޝިޔާއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ ދަރިކޮޅުގެ 126,000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްދީފައެވެ. މިޔަންމާ ސަރުކާރުން ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ރައްޔިތުކަން ފޭރިގަނެ، އެ މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކޮށްފައިވާތާ ދަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، މި ވަގުތު ދުނިޔޭގައި ވަޒަންވެރިކަން ނެތް އެންމެ ބޮޑު އާބާދީއަކީ ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.
މެލޭޝިޔާއަކީ ރޮހިންޔާއިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އެ މީހުން ޤަބޫލުކުރި ނަމަވެސް، މެލޭޝިޔާއަކީ ރެފިއުޖީންނާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގެ ބައިވެރިއެއް ނޫނެވެ. އަދި، ރޮހިންޔާ ރެފިއުޖީންނަކީ ޤަވާޢިދާ ޚިލާފަށް އެތެރެ، ދިރިއުޅެމުންދާ ބަޔެއްގެ ގޮތުގައި މެލޭޝިޔާ ސަރުކާރުން ދެކެއެވެ. ޕިނޭންގ ސްޓޭޓްގައި ހިނގި ހާދިސާތަކެއްގައި ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކު ގެދޮރުން ބޭރުކުރުމާ ގުޅިގެން އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މެލޭޝިޔާގައި ހުންނަ ރެފިއުޖީންނާ ބެހޭ އދގެ އޮފީސް ކައިރީގައި ދާދިފަހުން މުޒާހަރާ ކުރިއެވެ. އެ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން މެލޭޝިޔާގެ ފުލުހުން 100 އެއްހާ މީހުން ހައްްޔަރުކުރި ނަމަވެސް، ފަހުން އެ މީހުން މިނިވަންކުރިއެވެ.
ރޮހިންޔާ ރެފިއުޖީންނާ މެދު މެލޭޝިޔާގެ ގިނަ ރައްޔިތުން ނަފުރަތުކުރާ ކަން މީސްމީޑިއާގެ މަންސަތަކުގައި ޝާއިޢުކުރާ ޕޯސްޓުތަކުން ހާމަވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އިތުރު ރެފިއުޖީން ރަޖިސްޓަރީ ކޮށްދިނުން މެދުކަނޑައިލުމަށް މެލޭޝިޔާ ސަރުކާރުން ދާދިފަހުން ރެފިއުޖީންނާ ބެހޭ އދގެ އޮފީހުގައި އެދިފައިވެއެވެ. 2021 ވަނަ އަހަރު މެލޭޝިޔާ ސަރުކާރުން ވަނީ ކޯޓު އަމުރަކާ ޚިލާފަށް، އެ ޤައުމަށް އެތެރެވެފައިވާ ރޮހިންޔާ ދަރިކޮޅުގެ 1,000 އެއްހާ މީހުން ކަނޑުމަގުން އަނބުރާ މިޔަންމާއަށް ފޮނުވައިލާފައެވެ.