ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެފްސީ ބޭރުމަތި ހޯދައިފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެފްސީ ބޭރުމަތި ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ބޭރުމަތިން ހޯދީ، ފައިނަލުގައި ފޭދޫ ސްޕޯޓްސް އާއި ވާދަކޮށް 2-6 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ބޭރުމަތި ޓީމަށް ކާމިޔާބުކޮށްދިނީ މިރާހު އެވެ. ފުރަތަމަ ހާފުގައި ނިމުނީ 0-1 އިން ބޭރުމަތި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ގިނަ ލަނޑު ތަކެއް ފެނިގެން ދިޔައިރު ފޭދޫގެ ފުރަތަމަ ލަނޑު ޖަހައި އެޓީމަށް އެއްވަރުކޮށްދިނީ އަލީ ލިރުއާމްއެވެ. ފޭދޫ ސްޕޯޓްސްއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިތާ 5 މިނެޓު ފަހުން ބޭރުމަތި ޓީމުގެ އިބްރާހީމް ސިރާޖް ވަނީ ލަނޑެއް ޖަހާ އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދީފައެވެ. ބޭރުމަތި ޓީމުން ޖެހި ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދުއެވެ. މި މެޗުގައި އެފްސީ ބޭރުމަތި ޓީމުގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިރާހް މުހައްމަދުއެވެ. މި މެޗުގައި ފޭދޫގެ 2 ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ކާމިޔާބުކޮށްދީނީ ޢަލީ ލިރުޢާމްއެވެ. ބޭރުމަތި ޓީމުގެ ހަވަނަ ލަނޑު މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މަމްނޫންއެވެ.

މެޗަށް ފަހު މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ކުޅުންތެރިން ވަނީ ހޮވާފައެވެ.

  • އެންމެ މޮޅު ގޯލު ކީޕަރު : އެފްސީ ބޭރުމަތި ޖ(1)، އަލީ ނާއިމް
  • އެންމެ މޮޅު ޑިފެންޑަރު : އެފްސީ ބޭރުމަތި ޖ(3)، މުހައްމަދު ސާޖިދު
  • އެންމެ މޮޅު މިޑްފީލްޑަރަކީ : ފޭދޫ ސްޕޯޓްސް ޖ(11)، އަލީ ނާފިއު
  • ފޭއާ ޕްލެއި ކުޅުންތެރިއާ : ފޭދޫ ސްޕޯޓްސް ޖ(14) އަހުމަދު ސައީދު (އައްމަޓީ)
  • އެންމެ މޮޅު ފޯވާޑް އަދި ޓޯޕް ސްކޯރާ : 9 ގޯލާއި އެކު ފޭދޫ ސްޕޯޓްސް ޖ(9)، އަލީ ލިރުއާމް
  • މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ : އެފްސީ ބޭރުމަތި ޖ(10)، ހާޒިމް ފައުޒީ

މިމުބާރާތުގެ ފޭއާ ޕްލެއިޓީމަކީ އެފްސީ ބޭރުމަތިއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަޤާމުވެސް ލިބިފައިވަނީ އެޓީމުގެ ކޯޗު އަހުމަދު ނަސީމްއަށެވެ. މުބާރާތުގެ ތަށި އުފުލާލި ބޭރުމަތި ޓީމަށް ތަށި ހަވާލު ކޮށްދެއްވީ ފައިނަލު މެޗުގެ ޝަރަފުވެރި މެހެމާނު ކަމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލުގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 20،000ރ. ވަނީ ދީފައެވެ.

މުބާރާތް ނިމުމުގެ ރަސްމީއްޔާތުގައި އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވަނީ އަންނަ އަހަރުވެސް އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅުވައިގެން މިމުބާރާތް ކުރިއަށް ގެންދާނެކަން އިއުލާން ކުރައްވާފައެވެ. އަދި އެހެން ޓީމުތަކުން މިއަހަރަށް ވުރެ ވަރުގަދަ ޓީމަކާއި މުބާރާތައް ނުކުންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.