ޚަބަރު

އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެއްޖެ


އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ލޯންޗާއި ފެރީ ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި 5 މީހުނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވީ ފެރީ ދޯނީގައި ތިބި އަންހެން 4 ފަތުރުވެރިންނާއި، ލޯންޗު ދުއްވަން އިން ދިވެހި ކެޕްޓަނަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް ޒަޚަމެއް ލިބިފައި ނުވާކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:30 ހާއިރުގައި ކަމަށާއ، އެކްސިޑެންޓްވީ މިރޭގެ 21:45 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ފެރީ ދޯންޏަކީ، ފަތުރުވެރިން ގޮވައިގެން ހުޅުމާލެއަށް ދިޔުމަށްޓަކައި، ހުޅުލޭގެ އުތުރު ފަރާތު ނެރުން ނުކުތް ދޯންޏެއް ކަމަށެވެ.

އަދި ފުލުހުން މިހާރު ގެންދަނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި ތަޙުޤީޤު ކުރަމުންނެވެ.