ކައުންސިލް ތަކުގައި އަންހެނުންގެ ދައުރު ބޮޑުވުމުން ތަރައްޤީގައި އައު މަގުތަކެއް ފެނިގެންދާނެކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ހުޅުމާލެ ދާއިރަގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އުތުރުގެ ރަށްރަށް ފަށާފައިވާ ދަތުރުގެ ތެރެއިން ހއ. ބާރަށު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ވޭތުވެ ދިޔަ ތަނުގައި އަންހެނުން ކަންކަން ނިންމާ ފެންވަރުގެ މަޤާމުތަކުގައި ނެތުމުން އެ ކަނބަލުންނަށް ދިމާވެފައިވާ އުނދަގޫތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މަސައްކަތުގެ މާޙައުލުގައި އެކަށޭނަ ފުރުސަތުތަކުން އަންހެނުން މަޙްރޫމްވެފައި ވާއިރު، އެމްޑީޕީން މަސައްކަތް ކުރަނީ އެކަން ބަދަލުކުރުމައްކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. ހުޅުމާލެ ދާއިރާގެ މެމްބަރުވަނީ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އަންހެނުންނަށް ވަކި ކޯޓާއެއް ދިނުމަކީ އެ އަމާޒުގެ ދަށުން ކުރާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
އަދި އެ ކޯޓާގެ ސަބަބުން ފިރިހެނުންގެ އެއްވެސް ހައްޤެއް ނުގެއްލޭނެކަން ފާހަގަކުރައްވައި މެމްބަރު އަލީ ނިޔާޒް ވަނީ އެކަން އޮތް ގޮތް ތަފްޞީލްކޮއްދެއްވާފައެވެ. މެމްބަރު އަލީ ނިޔާޒްވަނީ އަންހެނުންގެ ނިންމުންތައް ބަލައިގަންނަ މާޙައުލެއް ޖަޒީރާ ރާއްޖެއިން ޤާއިމުކޮއްދިނުމުން ތަރައްޤީގައި ދިވެހިން ގެންގުޅޭ ބޯދާ ގޮތްތައް ބަދަލުވެ ފަހި އަދި އައު މަގުތައް ފެންނާނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އިދާރީ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ކުރަނީ އަންހެން ކަނބަލުން. މިފަދަ މުހިންމު ބައެއްގެ މަސައްކަތް ކުރީ ސަފަށް އައުމުން އެދެވޭ ހެޔޮ އަދި އައު މަގުތައް ތަރައްޤީގައި ފެންނާނެ. އަޅުގަނޑުމެން އަންހެން ކަނބަލުންނަށް ދިން ކޯޓާގެ ސަބަބުން އެއްވެސް ފިރިހެނެއްގެ ހައްޤެއް އުނިވެގެން ނުދާނެކަން ޔަޤީން." މެމްބަރ އަލީ ނިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކުރާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ. އާއި ހދ.ގެ ބައެއް ރަށްރަށަށް ދަތުރު ކުރާނެއެވެ. މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހއ.ދިއްދޫގައި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.