ޚަބަރު

ރާއްޖޭގައި ބޭނުންވާވަރަށް ވެކްސިން އެބަހުރި، ވެކްސިންގ ޖެހުމަށް އިލްތިމާސްކުރަން - މިނިސްޓަރ


ރާއްޖެއަށް މިވަގުތަށް ބޭނުންވާވަރަށް ހިމަބިއްސަށް ދޭ އެމްއާރް ވެކްސިން އެބަހުރިކަމަށާ، މިބަލި ފެނުނު ސަރަޙައްދުތަަކަށް އަމާޒުކޮށްގެން ވެކްސިންގ ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފަށާފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ހިމަބިއްސަށް 2 މީހުން ޕޮސިޓިވް ވެފައިވާކަން ހެލްތް މިނިސްޓްރީއިންވަނީ ކަށަވަރުކޮށްދީފައެވެ. ރާއްޖެއިން 2017ވަނަ އަހަރު މުޅިން ނައްތާލާފައިވާ މިބަލި އަލުން ފެނިފައިވާތީ ބަލި ފެތުރުމުގެ ޗާންސް އޮތްކަމަށް ހެލްތް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މިކަމާގުޅިގެން ހެލްތް މިނިސްޓްރީން ވަނީ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބަލީގެ ޙާލަތާއި، ބަލި ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު އެންމެ އިސްކަމެއްގެ ގޮތުގައި ކުރަމުންދަނީ ބަލި ފެތުރުނަނުދީ ކޮންޓްރޯލް ކުރުމާއި، ބަލި ފުރަތަމަ ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިބަލި ރާއްޖޭގައި އަލުން ފެތުރެން ފަށާފައިވަނީ ބިދޭސީއެއްގެ ގައިންތޯ ނުވަތަ، ޖެނެޓިކަލީ ވާރުތަކުރާގޮތުންތޯ ބެލުމަށް ބަލި ފުރަތަމަ ފެނުނު ކުއްޖާގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މިހާރުންމިހާރަށް އަޅާ ފިޔަވަޅެއްގެގޮތުން ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މިނިސްޓަރުވަނީ ވެކްސިންގ ނުޖަހާ ފަރާތްތައް ވެކްސިން ޖެހުމަށާއި، އަދި ޚާއްސަކޮށް ސްކޫލަށްދާ އުމުރުގެ ކުދިން ވެކްސިން ޑޯޒް ހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"މިވަގިތަށް ބޭނުންވާ ވެކްސިން އެބަހުރި. އަދި ދުރާލާވެސް މިކަންކަމަށް ތައްޔާރުވެފައި އަބަދުވެސް ތިބެނީ. އަދި އިތުރަށް ވެކްސިންގ ގެންނަން މިހާރު ފަށައިފިން. އެންމެ ގިނަވެގެން 10 ދުވަހުގެ ތެރޭގައި ލިބޭނެ. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަލި ފެތުރެއްން މެދުވެރިވި ސަަބަބު ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށެވެ.

"ފުރަތަމަ ބަލި ޖެހުނު ކުއްޖާ ރާއްޖެއިން ބޭރަށް ގޮސްފައެއް ނުވެ. އަދި މިބަލަނީ ބިދޭސީއެއްގެ ގައިންތޯ ވައިރަސް ފެތުރުނީ ނުވަތަ ޖެނެޓިކަލީތޯ ފެތުރުނީ. މިކަމަށް ޓެސްޓް ކުރުމަށް ބޭރަށް ސާމްޕަލް ފޮނުވުމަށް ތައްޔާރުވަމުން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.

ވެކްސިންގ ދިނުމުގައި މިވަގުތު އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ބަލި ފެނުނު ސަރަޙައްދުތަކުގެ މީހުންނަށް ވެކްސިން ދިނުމަށެވެ. ހުޅުމާލޭގައި މިހާރުވެސްވަނީ ގޭގެއަށްގޮސް ވެކްސިން ނުދޭ މީހުން ދެނެގަނެ، ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.