ކުޅިވަރު

ގާޑިއޯލާ އާއި އެންރީކޭ، ބާސެލޯނާގެ ކޯޗު ދިފާއުކޮށްފި


ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ މަގާމުން ވަކިކުރަން އުޅޭތީވެ އެކުލަބުގެ ކުރީގެ ދެ ކޯޗުން އޭނާ ދިފާއުކޮށްފި އެވެ.

ވަލްވާޑޭއަށްވުރެ ކުރިން ބާސެލޯނާ އަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން އެކުލަބުގެ ކުރީގެ ދެ ކެޕްޓަނުން އަދި ކޯޗުން ކަމަށްވާ ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭ ބުނީ މައްސަލައަކީ ކޯޗު ނޫން ކަމަށެވެ.

"އޭނާއާ މެދު އަހަރެން ހިތާމަކުރަން. އޭނާ އެއްވެސް ކަމެއް ނުކުރޭ. ކޯޗުންނަށް ޓީމު މޮޅުނުވީމަ ދިމާވާނެ މިފަދަ މައްސަލަ. ޙާއްސަކޮށް ބާސެލޯނާ އަކީ ލަލީގާއެކަނި ލިބިގެން ފުއްދާލެވޭނެ ޓީމެއްނޫން. އެ ޕްރެޝަރ މިހާރު އޮތީ. އަހަރެން އެދެނީ މިހާރު އުފެދިފައި އޮތް މައްސަލަ ހައްލުވެ ވަލްވާޑޭ އަށް އިތުރަށް މަސައްކަތާއިގެން ކުރިއަށް ދެވުން،" މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

އޭނާ އަށް ފަހު ބާސެލޯނާގެ ކޯޗުކަން ކުރި މިހާރުގެ ސްޕޭނުގެ ޤައުމީ ކޯޗު ލުއިސް އެންރީކޭ ވެސް ބުނީ ވަލްވާޑޭގެ ކުށެއް ނެތް ކަމަށެވެ.

"މައްސަލައަކީ ވަލްވާޑޭއެއްނޫން. ޓިމު މޮޅުނުވަންޏާ އާއްމުކޮށް ކޯޗުންނަށް އަންނަ ޕްރެޝަރު އެއަންނަނީ. ބާސެލޯނާގެ ކޯޗުކަމަކީ ފަސޭހަ ކަމެއްނޫން. އަހަރެން ވަރަށް ގަޔާވާ ކޯޗެއް ވަލްވާޑޭއަކީ. އޭނާ ކުރަމުންދަނީ ރަނގަޅު މަސައްކަތެއް. މިވަގުތު ބާސެލޯނާ އޮތީ ވެސް ލަލީގާގެ އެއްވަނާގައި އަދި ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް އެބައޮތް،" އެންރީކޭ ބުންޏެވެ.

ގާޑިއޯލާ އާއި އެންރީކޭ ވަނީ ބާސެލޯނާ އަށް ގިނަ ތަށިތަކެއް ހޯދައިދީފަ އެވެ. ނަމަވެސް ވަލްވާޑޭ އަށް ކޮންމެ އަހަރަކު ވެސް ކާމިޔާބީ ހޯދައިދެވޭ މިންވަރު މަދުވަމުން އަންނައިރު ބާސެލޯނާ އެންމެ ބޭނުންވާ ޗެމްޕިއަންސް ލީގު މިދިޔަ ދެ ސީޒަނުގައި ވެސް ހޯދައިނުދެވުނެވެ.

މިހެންވެ ސަޕޯޓަރުން އޭނާގެ އިސްތިއުފާ އަށް ފާޅުގައި ގޮވަމުންދަނިކޮށް މެނޭޖްމަންޓަށް އޭނާގެ ބަދަލުގައި އާކޯޗަކު ހޯދުން އަވަސް ކުރަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެނިޝް ސުޕަކަޕުން ކެޓުމުންނެވެ.