އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑުކުރެވޭނެ އެއްވެސް ފުރުސަތެއް ނެތްކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭގޮތުން ކޮމިޝަންގެ ނައިބްރައީސް އަޙްމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރަކީ އޮންނަ އުސޫލުތަކުގެ ތެރެއިން ބެލެހެއްޓެމުންދާ ދަފްތަރެއްކަމަށެވެ. ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމާއި، ޕާޓީޓަކުން މެމްބަރުން ވަކިކުރެވޭ ޕާޓީތަކުން އެކަން ކޮށްދެއްވުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ބޭފުޅުންނަށް ނޭގި ޕާޓީތަކަށް މެމްބަރުން ވެއްދާ މައްސަލާގައި އަކްރަމް ވިދާޅުވީ ޕާޓީތަކުގެ ކޮންގްރެސްތަކާއި، ޕްރައިމަރީޒްތަކާއި ދިމާކޮށް މެމްބަރުން ވައްދާމައްސަލަ އިލެކްޝަނަށްވެސް ހުށަހެޅޭކަމަށެވެ. އެގޮތުން ޕީޕީއެމްގެ ކޮންގްރެސްގައި އިލެކްޝަންގެ ދަފްތަރުގައި ނެތްމީހަކު ޕާޓީއަށް ވައްދާފައިވާ މައްސަލާއި ހައިކޯޓުން ނެރުނު ހުކުމެއްގައި އެކަން އެޕާޓީންކޮށްފައިވަނީ ރަނގަޅަށްކަމުގައި ނިންމަފައިވާކަމަށެވެ. އަދި ޕަޓީތަކަށް އެޕާޓީއެއްގެ ދަފްތަރު ބެލެހެއްޓުުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެހުކުމުގައި ބުނެފައިވާކަމަށެވެ.
އަކްރަމްވިދާވީ ޕާޓީތަކުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް މެމްބަރުން އިތުރުކޮށް ވަކި ދަފްތަރެއް ހެދުމުން އިލެކްޝަނަށް ކުރެވޭނެކަމެއް ނޯންނާނެކަމަށެވެ. އެއީ ޕާޓީތަކަށް ލިބިގެންވާ ހައްގެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިލެކްޝަނުން ބަލަހައްޓާ ދަފްތަރުގައި މިފަދަ މައްސަލަތައް ދިމާވެ ގަޑުބަޑު ކޮށްލުމުގެ ފުރުސަތެއް ނޯންނާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
ޕާޓީތަކުން އެޕާޓީއެއްގެ ދަފްތަރަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ވާދަވެރި ބައެއް ޕާޓީތަކުގެ މެމްބަރުންނަށްނޭގި ޕާޓީތަކަށް ވައްދާ މައްސަލަވަނީ ފެންމަތިވެފައެވެ. ނަމަވެސް މިމައްސަލަޔަކީ އިލެކްޝަން ކޮމިޝަނަށް ހައްލުކުރެވޭނެ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.