ޚަބަރު

ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް 40 ސްކޫލެއްގައި ފަށަނީ


ޓެކްސްޓް ފޮތްތައް ޑިޖިޓަލއިޒްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރުގެ ތެރޭގައި 40 ސްކޫލެއްގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް ކުރިއަށްގެންދާނެ ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކީ ސްޓޭޖް 1 އިން 4 އަކަށް ކޮންމެ ސްޓޭކަޖުން 10 ސްކޫލެއްގެ ފޮތްތައް ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލްތަކެއްކަމެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.

ކީ-ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1 ން 3 ށް އަށެވެ ކީ-ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4، 5، 6 މިތިން ގްރޭޑެވެ. ކީ-ސްޓޭޖް ތިނަކީ ސާނަވީ މަރުޙަލާއެވެ. މިބައިގައި ހިމެނެނީ ގްރޭޑް 7 އާއި އަށެކެވެ އަދި ކީ-ސްޓޭޖް 4 ގައި ހިމެނެނީ ގްރޭޑް 9، 10 އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އަމަލުކުރަން ނިންމަވާފައިވަނީ ދަރިވަރުންނަށް ދީފައިވާ ޓެބްލެޓްތައް މިހާރަށްވުރެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ޓެބްލެޓްތައް ބޭނުންކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުއެވެ. މިގޮތުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހާފައެވެ.