ޚަބަރު

ހއ. އިހަވަންދޫގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙްކޮށްފި


ހއ. އިހަވަންދޫގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިހަވަންދޫ ވެބްސައިޓް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ މިވެބްސައިޓުން ރަށުގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމާއި، ރަށުގައި ލިބެން ހުރި ވަޒީފާގެ ފުރުސަތުތައް މި ވެބްސައިޓުން ލިބޭނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ކޮންމެ ރަށެއްގެވެސް ވެބްސައިޓް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ. އެގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީންވަނީ މިމުއްދަތުގެ ތެރޭގައި ވެބްސައިޓްތައް ތަރައްޤީކޮށް ނިންމާފައެވެ. ގަވް ޑޮޓް އެމްވީގެ ޑޮމެއިންއިން ތަރައްޤީކުރާ ރަށު ވެބްސައިޓްތަކުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ވެބްސައިޓްތައް ބަދަލުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

ހއ. އިހަވަންދޫގެ ވެބްސައިޓް އިފްތިތާޙްކޮށްފައިވަނީ، އެމްޑީޕީން އުުތުރުގެ އަތޮޅުތަކުގައި ފަށާފައިވާ ކެމްޕެއިން ދަތުރުގެ ތެރެއިން ހއ. އިހަވަންދޫއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
"އެޖެންޑާ 19 ތިލަދުންމަތީ ދަތުރު"ގެ ނަމުގައި ފެށި މި ދަތުރުގައި ހއ. އިހަވަންދޫގެ އިތުރުން ހއ ހޯރަފުށި، ކެލާ، ބާރަށް، ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ނޮޅިވަރަމް، ހަނިމާދޫ، ކުމުންދޫ، އަދި ވައިކަރަދޫއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހއ. ދިއްދޫގައި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބާއްވާ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމާލުމައްފަހު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.