ޚަބަރު

އައްޑޫ ސިޓީގައި ބިން ހިއްކާނެ ސަރަޙައްދުތައް ކަނޑައަޅައިފި


އައްޑޫ ސިޓީގައި ބިން ހިއްކާނެ ސަރަޙައްދު ކަނޑައަޅައިފިއެވެ.

އައްޑޫސިޓީކައުންސިލުން މައުލޫމާތުދޭގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ދެ ކުންފުންޏަކާ ވަނީ ޙަވާލު ކޮށްފައެވެ. މިދެކުންފުންޏަކީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް.އީ.އޭ އެސޯސިއޭޓްސް އެވެ. މިދެކުންފުންޏާ ވަނީ މަޝްރޫއުގެ ޑިޒައިން މަސައްކަތާއި ރިޕޯޓް ތައްޔާރުކޮށް ސްޕަވިޝަން މަސައްކަތް ކުރަން ޙަވާލު ކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން 228 ހެކްޓަރުގެ ބިން މުޅި އައްޑޫއިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެކި އަވަށްތަކުން ބިން ހިއްކާނެ މިންވަރު ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއާއިއެކު އައްޑޫސިޓީ ކައުންސިލުން އެސަރަހައްދުތައް ވަކިކޮށް މިހާރު ކޮންމެ އަވަށަކުން ވެސް ހިއްކަން ކަނޑައަޅާފައިވެއެވެ.

ހިތަދޫގައި ހިއްކުމަށް ހަމަޖެހިފައިވަނީ، 90 ހެކްޓަރުގެ ބިމެވެ. ހިތަދޫގެ ދެސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދޫ ލިލީމަގުން ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން އާރް.އޭ.އެފް ސަރަހައްދާއި، ހިތަދޫ ޕޯޓްގެ ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން ގައުކެނޑި ސަރަޙައްދާއި ހަމައަށެވެ. މަރަދޫ އަދި މަރަދޫ-ފޭދޫން 75 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، މިދެއަވަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ދެއަވަށުގެވެސް ފުއްޓަރު ސަރަހައްދެވެ. ހުޅުމީދޫއިން 38 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެއަވަށުގައި ހިއްކުމަށް ހަމަޖެހިފައިވަނީ، މެދު ބަނދަރުގެ އިރަށް އޮތް ސަރަހައްދެވެ.

މީގެ އިތުރަށް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލުމަށްޓަކައި 25 ހެކްޓަރުގެ ބިން، އިސްމެހެލާ ހެރައިގެ ހުޅަނގު ފަޅު ތެރެއިން ހިއްކަން ވަނީ ހަމަޖެހިފައެވެ. އައްޑޫސިޓީ ކައުންސިލުން ވަނީ މިސަރަހައްދުގައި އޮތް "ހިކަހެރަ" ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހުޅުވާލުމަށް ނިންމައި އެކަން ހާމަ ކޮށްފައެވެ.

އިންޑިއާގެ ދެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެންމެ ފަހުން އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއަހަރު ފޭދޫ 64 ހެކްޓަރު ބިން ވަނީ ހިއްކާފައެވެ..