ސިޔާސީ

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖެވަޑައިގެންފި


ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ރާއްޖެވަޑައިގެންފިއެވެ.އެނގިފައިވާ ގޮތުގައި ގާސިމް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު ޖަރުމަނުން ރާއްޖެ އައި ފްލައިޓަކުންނެވެ.ރާއްޖޭގެ ސިޔާސީ މަޞްރަހު ހޫނުވުމާއި ގުޅިގެން ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތީ މޭ އެއްކެއްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގެ ކުރިންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާސިމް ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރުކުރުމަށް ކުރިމިނަލްކޯޓުން އަމުރެއްވެސް ނެރެފައިވެއެވެ.ގާތްގަނޑަކަށް  ދެމަހަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ގާސިމް ހުންނެވި ދުވަސްވަރު، އެމަނިކުފާނު ގެންގުޅުއްވި ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެއްވެސް ރިޔާސީ އިންތިޚާބެއްގައި ދެން ވާދަނުކުރެއްވުމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕް ދޫކޮށްލައްވަން ނިންމެވިކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭ އުމުރަށް ސަރުކާރުން ހުށައެޅުއްވި އިސްލާހަށް ތާއީދުކުރެއްވުމަށާއި ނައިބު ރައީސްކަމުން ޑރ މުހައްމަދު ޖަމީލު އަހުމަދު އަޒުލްކުރެއްވުމަށް ހުށައެޅި މައްސަލައަށް ތާއީދުކުރެއްވުމަށްވެސް ޖޭޕީގެ މެމްބަރުންނަށް ގާސިމްވަނީ އިލްތިމާސްކުރައްވާފައެވެ.ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު ގާސިމްގެ ވިލާ ކުންފުންޏަށް ދީފައިވާ ބައެއް ރަށްތަކާއި ފަޅުތަކުގެ އެގްރިމެންޓްތައް ސަރުކާރުން ބާތިލުކޮށްފައިވެއެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ސަތޭކަ މިލިޔަން ޑޮލަރު ނުދައްކައިގެން ވިލާގެ އެކައުންޓްތައް މީރާއިން ފްރީޒްކޮށްފައިވެއެވެ. އެހެންމަވެސް ދާދި ފަހުން މީރާއިން ވަނީ ފްރީޒްކޮށްފައިވާ ވިލާގެ އެކައުންޓްތައް ދޫކޮށްލާފައެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދައްކާނެކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.