ޚަބަރު

ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް މާލޭ ޖަލު ހުރި ބިމުގައި އަޅަނީ


އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ހަދާ ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް މާލޭ ޖަލު ހުރި ބިމުގައި އެޅުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އަޅާނީ މާލޭ ޖަލު ހުރި ބިމާއި އެ ބިމާ ޖެހގެން ވިލާ ކޮލެޖް ކުރިމަތީގައި އޮންނަ ބިމާއި އެއްކޮށްލައިގެން ލިބޭ ޖާގައިގައި ކަމަށެވެ. ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމަށް ބަޖެޓުގައި ވަނީ 65 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.

މިނިސްޓަރ ވިދާޅުވީ ދަރުމަންތަ ސުކޫލްގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދ ދަރުމަވަންތައިގެ އައު އިމާރާތް ވަރަށް ތަފާތުވާނެ ކަމަށާއި އެ ސުކޫލް އިމާރާތް ކުރާނެ ގޮތުގެ މޮޑެލް މިހާރު ފައިނަލް ކޮށްފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. އެ ސްކޫލްގެ މަސައްކަތް ކުރުމަށް އަންނަމަހުގެ ތެރޭ ބަޔަކާ ހަވާލުކުރެވޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ދަރުމަންތަ ސުކޫލްގެ އައު އިމާރާތް މި އަޅަނީ މާލޭ ޖަލު ހުރި ތަނުގައި. މާލޭ ޖަލުގެ ކޮއްޓާ ޖެހިގެން ހުރި ކޮށި އެއްކޮށްލާފައި ފުދޭ ވަރަކަށް ބޮޑު ޖާގައެއް އެބައޮތް އަޅުގަނޑުމެންނަށް ލިބިފައި. އެތާގެ މޮޑެލްގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް އެވޯޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. މި މަސްތެރޭގައި އެވޯޑް ކުރެވިގެންދާނެ. ފެބްރުއަރީ މަހުގެ ތެރޭގައި މަސައްކަތް ފަށާނެ."މިނިސްޓަރ ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރަށް ބަހާލައިގެން އާ ސުކޫލްތައް އިމާރާތްކޮށް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ ބޮޑު ޕްލޭނެއް އެބައޮތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުމާލޭގައިވެސް އެއްދަންފަޅިއަށް ކިޔަވައިދިނުމަށް އިތުރު ސްކޫލެއް އެޅުމަށް ނިންމާފައެވެ. މި ސްކޫލް އެޅުމަށް 54 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެއެވެ.

މާލޭ ޖަލު ހުރިބިމުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރަތް އެޅުމަށް ނިންމާފައިވާއިރު މާލެ ޖަލު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.