ޚަބަރު

މިނިވަން ފަންސާހުގެ ހަރަކާތުގައި ބެރުވެރިންގެ ހުނަރު ދައްކާލަނީ


މިނިވަން ފަންސާހުގެ ހެވިކަމުގެ ހަރަކާތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ބެރުވެރިންގެ ހުނަރު ދައްކާލުމަށް ނިންމައިފިއެވެ.މިނިވަން ފަންސާސް އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯރޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، 27 ވަނަ ދުވަހުގެރޭ އޮންނަ ހެވިކަމުގެ ހަރަކާތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ 150 ބެރުވެރިންގެ ހުނަރު ދައްކާލާނެކަމަށެވެ. އަދި ރާއްޖޭގެ 20 އަތޮޅު ރަމްޒުކޮށްދޭ ސްކޫލް ކުދިންގެ ހަރަކާތަކާއި، އެމް.އެން.ޑީ.އެފްގެ ހަރަކާތްތައްވެސް ފެނިގެންދާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.27 ވަނަ ދުވަހުގެރޭ، ގަލޮޅު ދަނޑުގެ ކުރިއަށްގެންދާ ހަރަކާތްތަކާއެކު، އަތޮޅުތަކުގައި ކުރިއަށްދާ ހަރަކާތްތައް އެކުއެކީގައި ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރަށްރަށާއި، ގަލޮޅު ދަނޑު އެއް ވިއުގައަކުން ގުޅާލައި އެހަރަކާތްތައް ވަގުތުން ފެންނާނެ ގޮތް ހެދުމަށް ހޯމް މިނިސްޓްރީންދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ހެވިކަމުގެ ހަރާކާތުގެ ތެރެއިން 15 ޒުވާނަކު ޕެރަޝޫޓްގައި ގަލޮޅު ދަނޑަށް ދިވެހި ދިދައާއެކު ފޭބުމާއި، ތަފާތު ކަމެއްގެ ގޮތުން ތްރީ-ޑީ ޕްރޮޖެކްޝަންގެ ހަރާކާތްތައްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.މިނިވަން ފަންސާހުގެ ހެވިކަމުގެ ހަރަކާތްތައް ގަލޮޅު ދަނޑަށް ބަދަލުކުރީ، މާފަންނު ސްޓޭޑިއަމް ތައްޔާރު ކުރުމަށް ވަގުތު ނެތުމާއި، ޚަރަދަށް ބެލުމަށްފަހު ކަމަށްވެސް މިނިވަން ފަންސާހުގެ އޮފީހުން މައުލޫމާތުދެއެވެ. މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތްތަކުގެ ލައިޓިން އަދި ސައުންޑް ހަދާނީ އެންމެ ފަހުގެ ވާރލްޑް ކަޕްގައި ލައިޓިން އަދި ސައުންޑް ހެދި ޓީމުން ކަމަށާއި، އެޓީމް މިހާރު ރާއްޖެ އައިސްފައިވާ ކަމަށްވެސް މިނިވަން ފަންސާސް އޮފީހުން މައުލޫމާތުދެއެވެ. މިނިވަން ފަންސާހާއި ގުޅިވައިގެން މާލެތެރެ ކުލަބޮކިން ޒީނަތްތެރި ކުރުމަށް އާންމު ފަރާތްތަކަށްވެސްވަނީ ހުޅުވާލާފައެވެ.