ޚަބަރު

ފާނަ ބޮޑުކުރުމަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި


"ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ފާނަ ބޮޑުކުރުމުގެ އަޖުމަ ބެލުމަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮގްރަމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސްއިން އިފްތިތާޙްކޮށްފިއެވެ. މި ޕައިލެޓް ޕްރޮޖެކްޓް ފަށާފައި ވަނީ އދ. އަތޮޅުގެ 4 ރަށުގައެވެ.

އދ.މަހިބަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

މި ޕްރޮގްރާމަކީ ފާނަ ބޮޑުކޮށް ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެތޯ ބެލުމަށް ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ޕައިލެޓް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ 4 ރަށަކީ އދ.މަހިބަދޫ، ދަނގެތީ އޮމަދޫ އަދި ދިގުރަށުގައެވެ. މި 4 ރަށުން ފާނަ އާލާކޮށް ބޮޑުކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން ޖުމްލަ 20 ފަރަތަކަށް ވަނީ ފާނަ ބޮޑުކޮށް ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ދީފައެވެ.

މި ޕްރޮޖެކްޓަކީ ވޯލްޑް ބެންކްގެ މާލީ އެހީއާއިއެކު މިނިސްޓްރީއިން ހިންގާ ޕްރޮޖެކްޓަކަށްވަތީ، ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ސަރުކާރުންކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

"ފާނަ ބޮޑުކުރާ ކޮއްޓާއި ކާނާއާއި އަދި ތަމްރީން މި ފަރާތަކަށް ދޭނަން. އަޖުމަބެލުމަށް ކުރާ މި މަސައްކަތުން ލިބޭ އާމްދަނީ ދޭނީ އެ ކޮއްޓެއްގެ ވެރިއަކަށް. މިހާރު 20ކޮށި ދިނަސް، ރާއްޖޭގެ އެކި ސަރަޙާއްދުގައި 200 ފާނަ ކޮށި ހެދުމަށްވަނީ ހަމަޖެހިފައި." ޒަހާ ވިދާޅުވިއެވެ.


މި ޕްރޮޖެކްޓަކީ 18މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގައި ބައިވެރިވާ 20 ފަރާތާއިއެކު ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިންގުމާއި ހަވާލުވެހުންނެވި ޝާފިޔާ ނައީމް ވިދާޅުވީ ކޮށި ހަދާ ފާނަ އާލާކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާވެސް މިނިސްޓްރީއން ދެމުންދާކަމަށެވެ.

"މި ވިޔަފާރީން ނަފާ ކުރާނެ މިންވަރުވެސް ދެނެގަތުމަށް ބައެއް ހޯދުންތައްވެސް ހޯދާފައިވާނީ. ވިޔަފާރި މެނޭޖް ކުރާނިގޮތްވެސް އެބަ ކިޔައިދެން. ރަނގަޅު އަގެއްގައި ބޭރަށް ވިއްކަން ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މި ވިޔަފާރީގައި އުޅޭ މީހުންނާއިއެކުވެސް މަޝްވަރާކުރާނަން." ޝާފިއާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ދަނީ މެރިކަލްޗަރ ވިޔަފާރިއަކީ ވަށައިޖެހޭ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭގޮތަށް ކުރެވޭނެ މަސައްކަތަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މަހިބަދޫ ކަނޑުގެ ސަރަޙައްދުގައި ފާނަ އާލާކުރާ 5ކޮށިޖަހައި ފާނަ ބޮޑުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
މިއިން ކޮންމެ ކޮއްޓެއްގައި 500 ފާނަ ބޮޑުކުރެވޭނެއެވެ. މި ފާނަތައް ވިއްކާނީ 500ގްރާމްގެ ބަރުދަނަށް ބޮޑުވުމުންނެވެ. މި ސައިޒަށް ފާނަ ބޮޑުވުމަށް 8 މަސް ދުވަސް ނަގައެވެ. ކޮށީގައި ބޮޑު ކުރުމަށް ކުދި ފާނަ ދޫކުރަނީ މެރިން ރިސަރޗް އިންސްޓިޓިއުޓްއިންނެވެ.