މިއަހަރުގެ ތެރޭގައި ހިނގާ ހުރިހާ ޝަރީޢަތެއްވެސް މިހާރަށްވުރެބޮޑަށް ޢާންމުކޮށް ހުޅުވަލައިގެން ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ގޮވާލައްވައިފިއެވެ.
ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުކުރެވޭނީ ހާމަކަން ބޮޑުކޮށް ކަންކަން ކުރެވިގެންކަމަށެވެ. ހާމަކަންބޮޑުކޮށް ޝަރީޢަތްތައްކޮށް ޢާންމުކޮށް ހުޅުވާލައިގެން ޝަރީއަތްކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ ވަރަށްބޮޑަށް އެދޭކަމެއްކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށްޓަކައި ޕީޖީ އޮފީހުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަންވެސް ޝަމީމް ވަނީ ދެއްވާފައެވެ.
މިހާރުވެސް ރާއްޖޭގެ ކޯޓުތަކުގައި ޢާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރެވޭނެގޮތަށް އޮތްނަމަވެސް ޝަރީއަތްތަކަށް ވަނުމުގައި ފުރިހަމަކުރަންޖެހޭ ބައެއްކަންކަން ހުރުމާއި، ޝަރީއަތަށްވަނުމުގައި ވަކި ޢަދަދެއް ކަނޑައެޅިފައި އޮތުމުން ޝަރީއަތްތަކަށް ވަދެވެނީ ވަކި އަދަދެއްގެ ބަޔަކަށެވެ. ޕީޖީއޮފީހުގެ މީޑިޔާ އޮފިސަރު ވިދާޅުވީ މިގޮތަށް އޮތުމުގެ ބަދަލުގައި ޝަރީއަތްތަކަށް ފަސޭހައިން ވަދެވި އަޑުއެހޭނެ ގޮތްވުމަކީ ޕީޖީ ވަރަށްބޮޑަށް ބޭނުންވާކަމެއްކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައިވެސް ޝަރީޢަތްތައް ކުރިއަށްގެންދާފަދަ ގޮތަކަށް ޢާންމުންނަށް ފަސޭހައިން ވަދެވި ޝަރީއަތްތައް އަޑުއެހޭނެ ގޮތްވުމަކީ ޕީޖީ ވަރަށްބޮޑަށް ބާރުއަޅުއްވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުގެ ތާރީޚެއްގައި މީޑިޔާތައް މެދުވެރިކޮށް ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި ޝަރީޢަތަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރެވުނު މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތެވެ. މިޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓްގައެވެ. މިޝަރީއަތުގެ ފަހުން ބައެއް އެހެން ޝަރީއަތްތައްވެސް ޓީވީ މެދުވެރިކޮށް ލައިވްކޮށް ވަނީ ގެންގޮސްފައެވެ.