ވިޔަފާރި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމަށް ހުއްދަދީފި


މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު އެކަމަށް ހުއްދަ ދެއްވައިފިއެވެ.

މިނިސްޓަރު މިކަމަށް ހުއްދަ ދެއްވާފައި ވަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނިންމި މައްސަލަ ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިއުނާފުކުރުމާއި ގުޅިގެން އެކަމާ ގުޅޭ އީއައިއޭ ރިޕޯޓު އަލުން މުރާޖައާ ކުރުމަށްފަހު ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢު ކުރިއަށް ނުގެންދެވޭނެކަމަށް އީޕީއޭއިން ބުނެފައި ވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް ބެލުމަށްފަހުގައެވެ. އީޕީއޭއިން ބުނެފައި ވަނީ އެއާޕޯޓު ފުޅާކުރުމަށް ރަށުތެރޭން 8.7 ހެކްޓަރުގެ ބިން ބޭނުންކުރަންޖެހޭ އިރު، އެ ސަރަޙައްދު ބޭނުންކުރުމަށްޓަކައި 4.8 ހެކްޓަރުގެ ބިމުން ގަސްކަނޑާ ސާފުކުރަންޖެހޭކަމަށް އެ ރިޕޯޓުގައި ބުނެފައިވާކަމަށެވެ.

އަދި އެ މަޝްރޫޢުގެ ސަބަބުން މާފަރުގެ 9000 ގަހަށް ނޭދެވޭ އަސަރުކުރާނެކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 1100 ރުއް ހިމެނޭކަމަށް އީ.ޕީ.އޭއިން ބުނެފައިވެއެވެ. އަދި މިހާރު މީހުންނަށް ދީފައި ހުރި ބިން ރަށުގެ އުތުރު ފަރާތަށް ބަދަލުކޮށްފިނަމަ، އިތުރަށް ރުއްގަސް ނަގަންޖެހިދާނެ ކަމަށާއި، މިމަޝްރޫޢުގެ ސަބަބުން ގަސްތަކުން ރަށުގެ ރައްޔިތުން ކުރަމުންދިޔަ ބޭނުން އެމީހުންނަށް ގެއްލިގެން ހިނގައިދާނެކަމަށްވެސް އީ.ޕީ.އޭއިން ވަނީ ބުނެފައެވެ.

އެންވަޔަރަންމެންޓު މިނިސްޓްރީން ވިދާޅުވީ މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަން މިނިސްޓަރ ހުއްދަ ދެއްވީ އީއައިއޭ ރިޕޯޓުގައި ޕްރޮޖެކްޓް ތަންފީޛުކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިންގ ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ލަފާދޭ ކަމަށް ބުނެފައިވާ ބުނުމަށާއި، މައްސަލައިގެ ޙަޤީގަތްތައް އިތުރަށް އޮޅުންފިލުވުމަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރ މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށުކައުންސިލާއި ރައްޔިރުންނާއި އަދި މިލަދުނަމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ މަސްޢޫލުވެރިންނާއި ބައްދަލުކުރައްވައި ކުރި މަޝަވަރާތަކަށާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށާއި، މި ބައްދަލުވުންތަކުން ލިބުނު އިތުރު މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާނީ ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކު ކަމަށްވެސް އެންވަރަންމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. މިމަޝްރޫޢަށް މިހާރު ޔޫ.އޭ.އީން ވަނީ އެހީ ހަމަޖެހިފައެވެ. 3200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ، ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ.

މިއީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ.