ލީބިޔާގެ ހުޅަނގުގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެ ޤައުމުގެ ހަނގުރާމައިގެ ދެފަރާތުން އެއްބަސްވެއްޖެއެވެ. މި ސަރަޙައްދުގައި ލީބިޔާގެ ވެރިރަށް ތަރާބުލުސްވެސް ހިމެނެއެވެ.
ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އިރުމަތީގައި ހަރަކާތްތެރިވާ އަސްކަރީ ހަނގުރާމަވެރި ޖަމާޢަތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަނީ އެ ޤައުމުގެ ވެރިރަށް ތަރާބުލުސް ހިފުމަށް ޚާއްސަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. މިކަމުގެ ސަބަބުން ލީބިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކާ އެ ޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއިރު މި ކުރިމަތިލުންތަކުގައި ލީބިޔާގެ އާއްމުންގެ އެތައްސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު ލީބިޔާގެ ސަރުކާރާ ތުރުކީވިލާތާ ދެމެދު ޤާއިމުކުރި ސަލާމަތީ އެއްބަސްވުމުގެ ދަށުން ލީބިޔާއަށް ތުރުކީ ސިފައިން ފޮނުވުމަށް ތުރުކީން ނިންމާފައިވާއިރު މިކަމުގެ ސަބަބުން ލީބިޔާގެ ހަނގުރާމަ އިތުރަށް ގޯސްވެގެންދާނެކަމަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ
މިފަދަ ދަނޑިވަޅެއްގައި، ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހަނގުރާމައިގެ ދެ ފަރާތުންވަނި އެއްބަސްވެފައެވެ. ލީބިޔާގެ ސަރުކާރުން ބުނެފައިވަނީ ތުރުކީވިލާތާ ރަޝިޔާގެ ރައީސުންގެ ގޮވާލުންތަކަށް އިޖާބަދެމުން މިމަހުގެ 12ވަނަ ދުވަހުގެ މެންދަމު ބާރައިން ފެށިގެން ހުޅަނގުގެ ސަރަޙައްދުތަކުގައި ޙަމަލާތައް ބަދަލުކުރުން ހުއްޓާލާނެކަމަށެވެ.
ލީބިޔާގެ އިރުމަތީގައި ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންވެސް ވަނީ މި އެއްބަސްވުމުގެ ދަށުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލާނެކަން އިއުލާނުކޮށްފައެވެ. އަދި އެ ފަރާތުން މި އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރާނީ ހަނގުރާމައިގެ އަނެއް ފަރާތުންވެސް މި އެއްބަސްވުމަށް ޢަމަލުކުރާނަމަކަމަށްވެސް އެ ޖަމާޢަތުންވަނީ ބުނެފައެވެ. ލީބިޔާގައި ހުންނަ އދގެ މިޝަނުން ވަނީ މިކަމަށް މަރުޙަބާ ކިޔާފައެވެ. އަދި މި އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކޮށް ސުލްޙަ ޤާއިމުކުރުމަށް ކުރެވެން އޮތްކަމެއް ކުރުމަށްވެސް އދން ވަނީ ގޮވާލާފައެވެ.