ޚަބަރު

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް އެމްޑީޕީން ރަސްމީކޮށް ފަށައިފި


މިއަހަރު އޭޕްރީލު މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއިން ރަސްމީކޮށް ފަށައިފިއެވެ.

އެމްޑީޕީން މިހަރަކާތްތައް ފެށީ "އެޖެންޑާ 19 ތިލަދުންމަތީ ދަތުރު"ގެ ނަމުގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ފެށި ކެމްޕެއިން ދަތުރަކުންނެވެ. މި ހަރަކާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިސްފަރާތްތައް އަދި ލޯކަލް ކައުންސިލްގައި ވާދަކުރައްވާ ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގައި އުތުރުގެ 10 ރަށަކަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ. 300 މީހުންގެ ޖާގައިގެ ބައްތެއްޔެއްގައި ކުރާ މި ދަތުރުގައި ހއ. އިހަވަންދޫ، ހޯރަފުށި، ކެލާ، ބާރަށް، އަދި ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ނޮޅިވަރަމް، ހަނިމާދޫ، ކުމުންދޫ، އަދި ވައިކަރަދޫއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުުރުގެ ތެރެއިން ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހއ. ދިއްދޫގައި އެމްޑީޕީގެ ޙާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައެވެ. އަދި ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޙާއްސަކޮށްގެން ބާއްވާ "އިރުވައި ކޮންފަރެންސް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމާލުމައްފަހު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.