ކުޅިވަރު

ފުރަތަމަ ޑިވިޝަނުގައި ނެތަސް ވިކްޓަރީ ނުގެއްލޭނެ: ވިކްޓަރީ


ފުރަތަމަ ޑިވިޝަނުގައި ނެތް ނަމަވެސް ފުޓްބޯޅަ އާއި ދިވެހި ކުޅިވަރުން ވިކްޓަރީ ނުގެއްލޭނެ ކަމަށް އެކުލަބުން ބުނެފި އެވެ.

ވިކްޓަރީން މިހެން ބުނެ ނޫސްބަޔާނެއް ނެރަފައިވާއިރު އެކުލަބު ވަނީ އޭއެފްސީ ކުލަބު ލައިސަންސް ނުލިބުމުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

މިދިޔަ އަހަރާއި މި އަހަރު ވެސް ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ކުޅުންތެރިން މެޗަށް ހާޒިރުނުވެ ތިން މެޗެއްގައި ނުކުޅެ އޮތް ކުލަބުން ބުނީ ދިވެހި ކުލަބުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ޒަމާނީ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އަދި މިހާރު ކުލަބުތަކަށް ދިމާވެފައިވަނީ ނުލިބޭ ފައިސާތަކެއް ހަރަދު ކުރަން ޖެހުމުން މާލީ ގޮތުން ގިނަ ދަތިތަކާ ކުރިމަތިވުމުން ކަމަށެވެ. މީގެ ސަބަބަކީ ޒަމާނުއްސުރެ ރާއްޖޭގެ ކުލަބުތައް ހިންގަމުން އައި ނިޒާމް ބަދަލުނުކޮށް އޮތުމާއި ކުލަބުތަކުގެ ހިންގުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ވިކްޓަރީން ބުނީ ފުރަތަމަ ޑިވިޝަނުން ވިކްޓަރީ ސަސްޕެންޑްވީ އެފްއޭއެމުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެފްއޭއެމުން ބުނެފައިވަނީ އެކުލަބު ސަސްޕެންޑްކުރަންޖެހުނީ ކުލަބު ލައިސަންސް ގަވާއިދަށް ހުންނަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަރަށް ގިނަ ފުރުސަތުދިނުމަށްފަހު އިސްލާހު ނުކުރުމުން ކަމަށެވެ.