ވިޔަފާރި

އިރާނާއި އެމެރިކާގެ މައްސަލައިގެ ސަބަބުން އެއަރލައިންތަކަށް ގެއްލުން!


މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަސްވަކަމާއެކު ބައިނަލްއަޤްވަމީ އެއަރލައިންތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނޭކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު އެއަރލައިންތަކަށް ގެއްލުންވާނޭކަމަށް ތަޖުރިބާކާރުން ބުނެފައި މިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަގަނޑުގެ ސަބަބުން އީރާން އަދި އިރާޤުގެ ވައިގެ ސަރަޙައްދުން ދަތުރުކުރުން އެއަރލައިންތަކުން ހުއްޓާލުމާ ގުޅިގެނެވެ.

އެމެރިކާއާއި އީރާނާ ދެމެދު މައްސަލަ ހޫނުވެގެންދިޔައީ މިމަހުގެ 3 ވަނަ ދުވަހު އެމެރިކާއިން އިރާޤަށް ދިން ޙަމަލާއެއްގައި ޢިރާނުގެ އިސް ޖެނަރަލަކު އަވަހާރަކޮށްލުމާ ގުޅިގެނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔޫކްރެއިންގެ އެއަރލައިނެއްގެ މަތިންދާބޯޓެއްވެސް އިރާނުން ނައްޓާލިތަނާ ވަނީ ހަމަލާއެއްގައި ވައްޓާލާފައެވެ.

މިހަމަލާތަކާއެކު އެސަރަޙައްދުން އާއްމުގޮތެއްގައި ދަތުރުކުރަމުންދާ ބޮޑެތި އެއަރލައިންތަކުން ވަނީ އީރަނާއި އިރާޤުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އެއަރލައިންތަކާއި ޔޫރަޕްގެ އެއަރލައިންތަކުގެ އިތުރުން އޭޝިޔާގެ ބޮޑެތި އެއަރލައިންތައް ހިމެނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން އީރާނާއި އިރާޤުގެ ވައިގެ ސަރަޙައްދު ބޭނުންނުކޮށް ދަތުރުކުރާނަމަ، އޭޝިޔާއިން ނުވަތަ ޕެސިފިކުން ޔޫރަޕާއި ދެމެދު ދަތުރުކުރާ އެއަރލައިންތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ. އޭގެ ތެރޭގައި ދަތުރުތައް ދިގުވުމާއި ތެލަށްކުރާ ޚަރަދުތައް އިތުރުވުން ހިމެނެއެވެ. މީގެއިތުރުން އޭވިއޭޝަން ސިނާޢަތް ވާދަވެރިކޮށްދާއިރު، މިކަމުގެ ސަބަބުން އެއަރލައިންތަކަށް ލިބޭ ފައިދާ ކުޑަވެ، ޓިކެޓްތަކުގެ އަގުބޮޑު ކުރުމަކީވެސް އެކަށީގެންވާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ކޮންމެ ދުވަހަކު އެއްހާހަށްވުރެ ގިނަ މަތިންދާބޯޓު އީރާނާއި އިރާގުގެ ވައިގެ ސަރަޙައްދު ބޭނުންކުރެއެވެ.