ވިޔަފާރި

މިދިޔަ އަހަރު އެންމެ ބޮޑު ޚަރަދެއްކުރީ ތަޢުލީމީ ދާއިރާއާއި ޞިއްހީ ދާއިރާއަށް!


މިދިޔަ އަހަރު ދަޢުލަތުން އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ ތަޢުލީމީ ދާއިރާއަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ޚަރަދެއް ތަޢުލީމީ ދާއިރާއަށް ކުރިއިރު، ދެވަނައަށް އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ ޞިއްހީ ދާއިރާއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބަޖެޓުގެ އެންމެ ބޮޑު ބައެއް ތަޢުލީމީ ދާއިރާއަށް ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްްޓްރީން ވަނީ 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރު އެ މިނިސްޓްރީގެ ބަޖެޓަކަށް ހަމަޖައްސާފައިވަނީވެސް 2.8 ބިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ބަޖެޓުން 2 ވަނައަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީންނެވެ. ހެލްތު މިނިސްޓްރީގެ ބަޖެޓުން 1.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ބަޖެޓުންވެސް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 3 ވަނައަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީއާއި އެންސްޕާއިންނެވެ. އެންސްޕާއާއި ޕްލޭނިންގ މިނިސްޓްރީން ވަނީ 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ބިލިއަނުން ޚަރަދުވި އެހެން މުޢައްސަސާތަކުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރި މޯލްޑިވްސް ޕޮލިސް ސަރވިސަސް، 1.1 ބިލިއަން ރުފިޔާ ޚަރަދުވި އެމްއެންޑީއެފްއާއި 1.1 ބިލިއަން ޚަރަދުވި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނެއެވެ.

ޚާއްސަ ބަޖެޓްތަކަށް ބަލާލާއިރު، މިނިސްޓްރީ އޮފް ފިނޭންސްގެ ޚާއްސަ ބަޖެޓުން 7.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ޕެންޝަން ބަޖެޓުން ވަނީ 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ބަޖެޓަށް ބަލާލާއިރު، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތަކުގެ ޖުމްލައަކީ 190 މިލިއަން ރުފިޔާއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޚަރަދުތައް 455 މިލިއަން ރުފިޔާއަށް އަރާއިރު ރައީސް އޮފީހުގެ ޚަރަދުތަކުގެ ޖުމްލައަކީ 183 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އެންމެ މަދުން ޚަރަދުކުރި މުޢައްސަސާތަކަށް ބަލާލާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލް، ޓެކްސް އެޕީލް ޓްރައިބިއުނަލް، އިންފޮމޭޝަން ކޮމިޝަނަރ އޮފީސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިމެނެއެވެ. މިއޮފީސްތަކުގެ ޚަރަދުތައް މިދިޔަ އަހަރު އުޅުނީ 5 މިލިއަން ރުފިޔާއަށްވުރެ ދަށުގައެވެ.