ޚަބަރު

ދަރިވަރުންނަށް ހިތްވަރު ދެއްވަން މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގެންފި


ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި، ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެންފިއެވެ.

ސަރުކާރުން ތައުލީމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން، ރާއްޖޭގެ 19 އަތޮޅެއްގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އައު އަޒުމަކާ އައު އުއްމީދުތަކާއެކު މިއަހަރު އިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ވަޒީރުން ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވާފައެވެ. އަދި މަދަރުސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެކުރިން މުސްތަޤުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިޔަށްދާނެ ދާއިރާއެއް އިޚްތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ކުރިޔަށް ދިއުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން ސަމާލުކަންދޭންވީ މުހިއްމު ނުކުތާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައިކަމަށްވާ ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށްވެސް ތަޢުލީމު ހާޞިލްކުރުމުގައި ހަމަހަމަ ފުރުޞަތުތައް ހޯދާދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ވަޒީރުންގެ ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން ތަޢުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަޤީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކަށް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމަށް މަގުފަހިކޮށްދީ، ސްކޫލް ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ވަޒީރުން ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައިވެސް ގިނަ ކާމިޔާބީތަކެއްވަނީ ހާޞިލްކޮށްފައެވެ. އަދި މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ޤާބިލް މުދައްރިސުން ހޯދުމާއި ތަޢުލީމީ މަންހަޖު މުރާޖަޢާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްފަންސުރު، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފޮނުވުމުގެ މަސައްކަތަކީވެސް މިގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ސްކޫލް ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރިވެތިސިފަތައް އަށަގަންނުވައި، އެދަރިވަރުންނަކީ މުޖްތަމައަށް ލާބައާއި މަންފާ ހޯދައިދޭނެ ހަރުބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ޚާއްޞަ އިސްކަމެއް ދެވިފައިވާ މުހިއްމު މަސައްކަތެކެވެ.

ބޮޑު ޗުއްޓީއަށް ފަހު މިއަދު ސްކޫލްތަކުގައި ކިޔަވަން ފަށާފައިވަނީ އިންޓަނޭޝަނަލް ސްކޫލުތަކާއި ސަރުކާރު ސްކޫލުތައް ހިމެނޭ ގޮތައް 83 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ.