ޚަބަރު

ދަރިވަރުންނަށް ހިތްވަރުދީ މަރުޙަބާ ކިޔުމަށް ވަޒީރުން ސްކޫލަތަކަށް ވަޑައިގަންނަވަނީ


ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި، ދަރިވަރުންނަށް ހިތްވަރުދެއްވުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން ތައުލީމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި މާދަމާ ބާއްވާ ސްކޫލްތަކުގެ އެސެމްބްލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 19 އަތޮޅުގެ ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ދަރިވަރުންނަށް ހިތްވަރުދެއްވާނެއެވެ. އެގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެންދިއުމާއެކު އައު އަޒުމަކާ އައު އުއްމީދުތަކާއެކު މިއަހަރުއިތުރަށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާނެއެވެ. އަދި މަދަރުސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެކުރިން މުސްތަޤުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިޔަށްދާނެ ދާއިރާއެއް އިޙްތިޔާރުކުރުމުގައި ވިސްނުންތެރިކަމާއެކު ކުރިޔަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިރާސީ އައު އަހަރުގެ ފުރަތަމަ އެސެމްބްލީގައި ވަޒީރުން ދައްކަވާ ވާހަކަފުޅުގައި، ތަޢުލީމީ އައު އަހަރުގެ ކިޔެވުން ފެށިގެންދިއުމާއެކުދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުން ސަމާލުކަންދޭންވާ މުހިއްމު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލައްވާނެ ކަމަށެވެ. ސަރުކާރުން ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށްވެސް ތަޢުލީމު ހާޞިލްކުރުމުގައި ހަމަހަމަ ފުރުޞަތުތައް ހޯދަދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެބޭފުޅުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ތަޢުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަޤީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމުގެ މަގިފަހިކޮށްދީ، ސްކޫލުނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ބައިވެރިވުންއޮތް ޒުވާނަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް ވަޒީރުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާނެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރު މިދިޔަ އަހަރުގެ ތެރޭގައިވެސް ގިނަ ކާމިޔާބީތަކެއް ހާޞިލްކޮށްފައިވެއެވެ. އަދި މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ޤާބިލް މުދައްރިސުން ހޯދުމާއި ތަޢުލީމީ މަންހަޖު މުރާޖަޢާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތްފަންސުރު، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފޮނުވުމުގެ މަސައްކަތަކީވެސް މިގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ސްކޫލް ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރިވެތިސިފަތައް އަށަގަންނުވައި، އެދަރިވަރުންނަކީ މުޖްތަމައަށް ލާބައާއި މަންފާ ހޯދައިދޭނެ ހަރުބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ޚާއްޞަ އިސްކަމެއް ދެވިފައިވާ މުހިއްމު މަސައްކަތެކެވެ.