ޚަބަރު

ހިމަބިހި ޖެހުނު ކުޑަކުއްޖާ ގޮސް އުޅުނު ތަންތަން ހާމަކޮށްފި


ހިމަބިހި ޖެހުނު ކުޑަކުއްޖާ ގޮސްއުޅުނު އަދި އެބަލި ފެތުރުމުގެ ފުރުސަތު އޮތް 4 ސަރަހައްދެއް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 3 އަހަރުގެ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެކުއްޖާއަކީ، ވެކްސިންގ ފުރިހަމަނުކޮށް ހުރި ކުއްޖެއް ކަމަށެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހިމަބިހި ޖެހުނު ކުޑަކުއްޖާއަށް އަށް 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ގެ ދެޑޯޒް ދީފައި ނުވާކަމަށެވެ.

އެކުއްޖާއަށް އައި.ޖީ.އެމް.އެޗްގައި ފަރުވާ ދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައި ވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.

ކުޑަކުއްޖާއަށް ބަލިޖެހިފައިވާކަން ދެނެގަނެވިފައި ވަނީ ރާއްޖޭ ގައި ޤާއިމް ކުރެވިފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަރވެއިލަންސް ނިޒާމުގެ
ތެރެއިން ކުރެވެނު ތަހުލީލުތަކުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިނިޒާމުގެ ދަށުން، ހުންއައުމާއި އެކު ހަމުގައި ބިހިނަގައިފިނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވެއެވެ.

ހިމަބިއްސަށް ޝައްކުކުރެވޭ ކޭހެއް 8 ޖެނުއަރީ 2020ގައި ރިޕޯރޓްކުރެވުމާއި އެކު، އެޗްޕީއޭއިން މިހާރު ވަނީ މިކަމާ ގުޅިގެން ކުރަންޖެހޭ ތަހުޤީޤުތައް ފަށާފައެވެ. މިގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެދުވަސްތަކުގައި އެކުއްޖާ އާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދައި، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފައެވެ.

އެގޮތުން މި މުއްދަތުގައި ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ބަލާއިރު، ބަލި ފެތުރުމުގެ ފުރުސަތު އޮތް ތަންތަން އެޗްޕީއޭއިން މިއަދު ވަނީ ހާމަކޮށްފައެވެ.

  • ހިމަބިހި ޖެހުނު ކުޑަކުއްޖާ ގޮސް އުޅުނު ތަންތަނަކީ؛
  • 4 ޖެނުއަރީ 2020 (ރޭގަނޑު 8 އިން 11އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 5 ޖެނުއަރީ 2020 ( ހަވީރު 5-9 އަށް) ހުޅުމާލެ ހޮސްޕިޓަލް |
  • 6 ޖެނުއަރީ 2020 (ރޭގަނޑު 7- 10އަށް) ސެނެހިޔާ
  • 7 ޖެނުއަރީ 2020 (ރޭގަނޑު 7-ދަންވަރު 2އަށް) ހުޅުމާލެ ހޮސްޕިޓަލް)
  • 8 ޖެނުއަރީ 2020 ( ހެނދުނު 11:30 - މެންދުރު 1:30 އަށް) ޓްރީޓޮޕް
  • 1-9 ޖެނުއަރީގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާރކަށާއި، އެސަރަހައްދުގެ ކެފޭތައް

އެޗްޕީއޭއިން ވަނީ އެ ތަންތަނަށް އެވަގުތު ތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވަނީ ހިމަބިހީގެ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮއްފައެވެ.

އެޗްޕީއޭއިން ވަނީ ރޯޝަނީ ބިލްޑިންގ 4 ވަނަ ފަންގިފިލާ އިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ، ލަސް ނުކުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިއްސަކީ މީސަލްސް ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެގެން ޖެހޭ ވައިރަލް ރޯގާއެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ނޭފަތުން ފެން އައުމާއި، ލޮލުން ދިލަނެގުން ހިމެނެއެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މި ބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންގޮސްފައި ވެއެވެ.

މީސަލްސް ވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގ ޑޯޒްތައް ފުރިހަމަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ޚާއްސަކޮށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ގަވައިދުން ދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.