ވިޔަފާރި

މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 2.7 އިންސައްތަ އިތުރުވެއްޖެ


މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މީރާއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 16.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނު 16.8 ބިލިއަން ރުފިޔައަކީ ޓެކުހާއި އެހެނިހެން ކުލީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު %2.7 ގެ ކުރިއެރުމެކެވެ. 2018 ވަނަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 16.35 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި ހިއްސާކުރަނީ %42.1 އާއިއެކު މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު 7.07 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުނެވެ. އެދާއިރާއިން 3.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖުމްލަ އާމްދަނީގެ %23.2 އެވެ.
މީގެ އިތުރުން ވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ގްރީން ޓެކްސް އަދި އެހެނިހެން ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 5.82 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ދައުލަތަށް ވަނީ ރެކޯޑް ޢަދަދަކަށް އާމްދަނީ ލިބިފައެވެ. 1.56 ބިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބުނުއިރު މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު %8.9 އިތުރު ޢަދަދެކެވެ. އަދި މިއީ 2011 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު ޑިސެމްބަރުމަހަކު އެންމެ ބޮޑު އާމްދަނީ ލިބުނު އަހަރު ވެސްމެއެވެ.

މީރާއިން ބުނީ ޑިސެމްބަރު މަހުގެ އާމްދަނީ އިތުރުވެފައިވަނީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާތީކަމަށެވެ.

އެގޮތުން ޓީޖީއެސްޓީ، ވިތް ހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ލިސް ޕީރިއެޑް އެކްސްޕެންޝަންގެ ގޮތުގައި ލިބުނު އާމްދަނީ މި މުއްދަތުގައި އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ.

ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 658 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޓީޖީއެސްޓީއަށް ލިބުނު 431 މިލިއަން ރުފިޔާ ހިމެނެއެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ ގޮތުގައި 362 މިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 69 މިލިއަން ރުފިޔާ ޑިސެމްބަރުމަހު ވަނީ ލިބިފައެވެ. އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 63 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.