ޚަބަރު

މިއަހަރުގެ ތެރޭ އީ ކައުންސިލް ނިޒާމް ރާއްޖޭގެ 70 އިންސައްތަ އާބާދީއަށް ފޯރުކޮށްދެނީ


މިއަހަރުގެ ތެރޭ އީ- ކައުންސިލް ނިޒާމް ރާއްޖޭގެ 70 އިންސައްތަ އާބާދީއަށް ފޯރުކޮށްދޭނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ހާމަކުރައްވައިފިއެވެ.

އީ ކައުންސިލް ނިޒާމަކީ، ކައުންސިލްތަކުން ބަލަހައްޓާ ރައްޔިތުންނާއި ކައުސިލްގެ ލިޔެކިޔުންތަށް ޑިޖިޓަލްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ތަރައްޤީކުރި ނިޒާމެކެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞޯލިޙުވަނީ، ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވާރޗުއަލީ ގުޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތައް އައިސީޓީއިން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން ނެޝަނަލް ކޮމްޕިއުޓަރ ނެޓްވޯކްއަކުން ގުޅާލާފައިވާކަން އަލީ ޞޯލިޙް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސިޓީގައި މި ނެޓްވޯކްގެ ފައިބަރ ކަނެކްޝަން އެއްކޮށް ނިމިފައިވާއިރު، މިއަހަރުތެރޭ ހުޅުމާލޭގައިވެސް މި މަސައްކަތް ނިމޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީގެ ޒިންމާދާރު ވެރިޔާ އަހުމަދި ހަލީމް ވަނީ ނިމިދިޔަ އަހަރު އެންސީއައިޓީއިން ކައުންސިލްތައް ވައރޗުއަލީ ގުޅާލުމަށް ކުރި މަސައްކަތް ހިއްސާކުރައްވާފައެވެ. އެގޮތުުން އީ ކައުންސިލް ނިޒާމު ކައުންސިލްތަކަށް ތަޢާރަފްކޮށް މުއައްޒަފުން ތަމްރީންކުރަމުންދާކަން ޙަލީމް ފާހަގަކުރެއްވިއެވެ. މި މަސައްކަތްކުރުމުގައި ދަތިތަކެއް ދިމާވީ ކައުންސިލްތަކާއި ވުޒާރާތަކުގައި ވޭތުވެ ދިޔަ ތަނުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވުމަށް ކުރަންޖެހުނު މަސައްކަތުގެ ސަބަބުންކަން ފާހަގަކުރައްވާ އަހުމަދު ހަލީމް ވަނީ މި ސަރުކާރުން ކައުންސިލްތަކުގެ އިތުބާރު ކާމިޔާބުކަމާއެކު ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.

ހަލީމް ވަނީ މި އަހަރުގެ ތެރޭ އީ- ކައުންސިލް ނިޒާމް ރާއްޖޭގެ 70 އިންސައްތަ އާބާދީއަށް ރޯލް އައުޓްކުރުމަށް އަމާޒުހިފާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް މި ސިސްޓަމް ބޭނުންކުރާނެ ގޮތް ދައްކާދޭ ވީޑިއޯ ޓިއުޓޯރިއަލްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މުއައްޒަފުން މަދުވުން އެންމެ ބޮޑު ގޮންޖެހުމަކީ. މިކަން ހައްލުކުރުމަށް މި ސިސްޓަމް ބޭނުންކުރާނެ ގޮތް ދައްކާދޭ ވީޑިއޯ ޓިއުޓޯރިއަލްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ. މިއަހަރު އީ- ކައުންސިލް ނިޒާމް ރާއްޖޭގެ 70 އިންސައްތަ އާބާދީއަށް ރޯލް އައުޓްކުރުން އަމާޒަކީ." އަހުމަދު ހަލީމް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން އީ- ކައުންސިލް ނިޒާމް ރާއްޖޭގެ ބޮޑު ބަޔަކަށް ދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކޮންމެ ރައްޔިތެއްގެ ޑިޖިޓަލް އައިޑެންޓިފިކޭޝަން ކާޑު ނުވަތަ އީ ފާސްގެ މަސައްކަތް ތަޢާރަފްކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.