ދުނިޔެ

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ޙައްލެއްނެތް- ރިޕޯޓް


ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ދިގުލުމުގެ ސަބަބުންނާއި، މިހަނގުރާމައަށް ޙައްލެއް ފެންނަން ނެތުމުން އެއްބައިވަންތަ ދައުލަތެއްގެ ގޮތުގައި ދެން ސޫރިޔާ އޮތުމުގެ ފުރުޞަތު ނެތްކަމަށް ކަމާބެހޭ ރިޕޯޓަކުން ހާމަވެއްޖެއެވެ. މިރިޕޯޓް ބުނާގޮތުން 4 އަހަރުގެ ދިގުލީ ލޭއޮހޮރުވުން ބޮޑު، ދާޚިލީ ހަނގުރާމައާއެކު ސޫރިޔާގެ ދައުލަތް މިހާރުވަނީ ރޫޅިގެން ގޮސްފައެވެ.އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ކްރިސްޓިޔަން ސައެންސް މޮނިޓަރ" ގައި ޝާއިޢުކޮށްފައިވާ ސޫރިޔާއާބެހޭ ތަހްލީލީ މި ރިޕޯޓް ބުނާގޮތުން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވެއްޓުނުނަމަވެސް އަދި ބައްޝާރުގެ ބަދަލުގައި އެހެންބޭފުޅަކު ވެރިކަމާ ޙަވާލުވިނަމަވެސް، ކައިރިމުސްތަގްބަލެއްގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ހައްލެއްނެތްކަމަށެވެ.ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް 65 އިންސައްތަ ކޮންޓްރޯލް ކުރަނީ ހަތިޔާރުއެޅި ޖަމާޢަތްތަކުންނެވެ. މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު އަދި ނުރައްކާތެރި ޖަމާޢަތަކީ އައިއެސް ޖަމާއަތެވެ.ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ސަތޭކައަށްވުރެ ގިނަ ޖަމާޢަތްތައް ޝާމިލްވާއިރު މިއިން ކޮންމެ ޖަމާޢަތެއްގެވެސް ލަނޑުދަނޑިއަކީ ސޫރިޔާގެ ވެރިކަން ހޯދުމެވެ. ނުވަތަ ބައްޝާރުގެ ވެރިކަން ވައްޓާލުމަށްފަހު ސޫރިޔާގެ ވެރިކަމަށް އަތްގަދަކުރުމެވެ. އެހެންކަމުން ބައްޝާރުގެ ވެރިކަން ވެއްޓި އެހެންބޭފުޅަކު ވެރިކަމާ ހަވާލުވިނަމަވެސް އަދި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭން ޖަމާޢަތަކުން ސޫރިޔާގެ ވެރިކަން އަތުލި ނަމަވެސް އެގައުމުގެ ދާޚިލީ ހަނގުރާމަ ހުއްޓުމުގެ ފުރުޞަތެއްނެތްކަމަށް މި ރިޕޯޓް ބުނެއެވެ.މިރިޕޯޓްގައިވާގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައަކީ އެގައުމުގެ ވަށައިގެންވާ ގައުމުތަކުގެ ވާދަވެރިކަމާއި އަދި އިސްލާމީ ދުނިޔޭގައި މިހާރު އުފެދިފައިވާ ސުންނީ ޝީޢީ މަޛްހަބީ އަރާރުންތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ހަނގުރާމައެކެވެ. ސޫރިޔާގެ ހަނގުރާމަ ދިގުލައިގެން ދިޔުމާވެސް ގުޅިފައިވަނީ މިކަންތައްތަކެވެ. އެހެންކަމުން އީރާނާއި ސައޫދީ ޢަރަބިޔާގެ ވާދަވެރިކަމާ އަދި މެދުއިރުމަތީގައި ހިނގަމުންދާ ސުންނީ ޝީޢި މަޛްހަބީ އަރާރުންތަކަށް ނިމުމެއް ނާންނަނީސް ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ޙައްލެއް އަންނާނެ ކަމަށް ނުބެލެވޭކަމަށްވެސް މިރިޕޯޓް ބުނެއެވެ.ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް 4 އަހަރު ފުރިފައިވާއިރު އެގައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައިވަނީ މިހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައެވެ. އަދި ސޫރިޔާގެ ރަށްތަކާއި އަވަށްތަކުގެ 70 އިންސައްތަވަނީ ހަލާކުވެ ވީރާނާވެފައެވެ. މީގެއިތުރުން ތިންލައްކައެއްހާ މީހުން މަރުވެފައިވާއިރު އެތަށް މިލިޔަން ބަޔަކުވަނީ ޒަޚަމްވެފައެވެ. އަދި ސޫރިޔާގެ ސިފައިންގެ ލަޝްކަރުތަކަށް ބަލާއިރުވެސް 4 އަހަރުގެ ދިގުލީ ހަނގުރާމައިގާ 100 އަށްވުރެ ގިނަ ޖަމާޢަތާ ހަނގުރާމަ ކުރަންޖެހުމުގެ ސަބަބުން އެލަޝްކަރުތައްވަނީ ވަރަށް ބޮޑަށް ވަރުބަލިވެ ވަރުދެރަވެފައެވެ.އެހެންކަމުން މުސްތަޤުބަލުގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވެއްޓުނު ނަމަވެސް އަދި ނުވެއްޓި އެހެން ބޭފުޅެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިޔަނަމަވެސް އެއްބައިވަންތަ ދައުލަތެއްގެ ގޮތުގައި ދެން ސޫރިޔާ ދެއޮތުމުގެ ފުރުޞަތު ނެތްކަމަށް މިރިޕޯޓް ބުނެއެވެ.