ޚަބަރު

މަޝްވަރާއާއެކު ސިޔާސަތު ކަނޑައެޅުމަށް 2019 ވަނަ އަހަރު 101 ކައުންސިލަކާއި ރައީސް ބައްދަލުކުރެއްވި


ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންނާއި މަޝްވަރާކޮށްގެން ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ފާއިތުވެދިޔަ 2019 އަހަރު 75 ރަށަކަށް ޒިޔާރަތްކޮށް 101 ކައުންސިލަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައްދަލުކުރައްވާފައިވާ ކަމަށް ރައީސްއޮފީހުން ވިދާޅުވެއްޖެއެވެ. މިނިވަންކަމާއެކު 1 އަހަރުގެ ނަމުގައި ރައީސް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ނިމިދިޔަ އަހަރުގައި ސަރުކާރުން ހާސިލްކޮށްފައިވާ ކަންކަމާއި މިއަހަރަށް ކަނޑައަޅާފައިވާ ކަންކަންވެސް ހިމަނާފައިވެއެވެ.

2019 ވަނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރައްޔިތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް ކަންކަން ބަދަލުކުރުމަށް ކަމަށާއި ރަށްރަށުގެ ކަންކަމުގައި ބަސްކިޔައި ރައްޔިތުންނާއި ގާތުން ވެރިކަން ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާވަނީ 75 ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ އަޑު އައްސަވާފައިވާ ކަމަށް ރައީސްއޮފީހުން ވިދާޅުވިއެވެ. މިޒިޔާރާތްތަކުގައި ރަށްރަށުގައި ހުރި މައްސަލަތަކާއި ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނެވޭނެ ގޮތްތަކާއިމެދު އެމަނިކުފާނުވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ރަސްމީ އޮފީހުގައި 101 ކައުންސިލަކާއި ބައްދަލުކޮށް އެރަށްރަށުގެ މައްސަލަތައް އަޑުއައްސަވައި ހައްލުތައް ހޯއްދެވޭނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައްޔިތުންނަށް ބާރުތައްދޫކޮށްލައިގެން ވެރިކަން ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންވެސް ވެފައިވާ ވައުދެކެވެ. މި ވައުދު ތަންފީޒު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ރަށްރަށުގެ ހިންގުމުގެ ހުރިހާބާރަކާއި އިޚްތިޔާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލައްވާފައެވެ. އަދި ޤާނޫނު ތަސްދީޤްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ރަށްރަށުގެ ކަންކަން ހިނގަމުންދާ ގޮތާމެދު އެމަނިކުފާނު ކައުންސިލްތަކާއި ސުވާލުތައް ކުރިމަތިކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ނިމިގެންދިޔަ އަހަރު ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ހިފެހެއްޓުމަށް ކުރެވުނު މަސައްކަތުގައިވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ގޭންގް މާރާމާރީގައި އެއްވެސް މީހަކު ނިމިގެންދިޔަ އަހަރު މަރުވެފައި ނުވާކަން ފާހަގަކުރައްވާ އަނިޔާވެރި ކުށްތައް ހިންގި މިންވަރު 2018 އާއި އަޅާބަލާއިރު 50 އިންސައްތަ ދަށްކުރެވިފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވައްކަމާއި ފަސާދައަށް ސަރުކާރުން ކަޑައަޅާފައިވާ "ޒީރޯ ޓޮލަރެންސް" ޝިއާރުގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއްވެސް ނިމިގެންދިޔަ އަހަރުވަނީ ކޮށްފައެވެ. ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 92 މައްސަލައެއް ބަލާ އޭސީސީއަށް ވަނީ ފޮނުވާފައެވެ.

އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމުގެ ވައުދުގެ ތެރެއިން ބޭއިންސާފުން ވަޒީފާތަކުން ދުރުކޮށްފައިވާ ފަރާތްތަކަށާއި، ބޭއިންސާފުން އެކިއެކި ކަންކަން ކޮށްފައިވާ ގިނަ ފަރާތްތަކަކަަށް ނިމިގެންދިޔަ އަހަރުގެ ތެރޭގައިވަނީ އިންސާފުގާއިމްކޮށްދެއްވާފައެވެ. އެގޮތުން ޤާނޫނާއި ޚިލާފަށް ވަޒީފާތަކުން ވަކިކޮށްފައިވާ 119 ފަރާތަކަށް އަލުން ވަޒީފާ އިޔާދަކޮށްދެއްވާފައިވެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް އަވަށްޓެރި ގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި އޮތް ގުޅުން ބަދަހިކުރުމަކީ މިސަރުކާރުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަމެކެވެ. އެގޮތުން 7 އަހަރުގެ މެދުކެނޑުމަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލްކޮށް ތަޤްރީރުކުރައްވާފައެވެ. ބޭރުގެ 10 ޤައުމަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުތަކުންނާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުން އެކި ދާއިރާތަކުން ގިނަ އެހީތަކެއް ވަނީ ލިބިފައެވެ. ތައުލީމާއި، ސިއްޙަތާއި، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާގެ އިތުރުން އަސްކަރީ ދާއިރާއިންވެސް ގިނަ ފުރުސަތުތަކެއް ވަނީ މިދަތުރުފުޅުތަކުން ރާއްޖެއަށް ފަހިވެފައެވެ.

ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު އިސްކޮށް، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ގައުމަކަށް މިގައުމު ހެދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.