ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ މައި އޮފީސް އެމްޑަބްލިއުއެސްސީ އިމާރާތައް ބަދަލުކުރަނީ


މާލެ ސިޓީ ކައުންސިލްގެ މައި އޮފީސް ފެން ބިލްޑިންގ އިމާރާތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ މާފަންނު އޮފީސް ދެން ބޭނުންކުރާނީ ޕްރޮޖެކްޓް އޮފީހުގެ ގޮތުގައި ކަމަށެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ސިޓީ ކައުންސިލްގެ މައި އޮފީސް ފެން ބިލްޑިންގ އިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.

އަދި ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލް މާފަންނު އޮފީހުން ކުރަމުން އައި ހުރިހާ މަސައްކަތްތައް ފެން ބިލްޑިންގް އޮފީހަށް ބަދަލުކުރާނެކަމަށް ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ މައި އޮފީސް ބަދަލުކުރަނީ ފެން ބިލްޑިންގގެ 3 ވަނަ އަދި 4 ވަނަ ފަންގިފިލާއަށެވެ.

އައު އޮފީސް ބޭނުންކުރާނީ ކައުންސިލްރުން ތިބުމަށާއި، ކައުންސިލްގެ އިދާރީ މަސައްކަތާއި، ބިއުރޯ، ކޮމިއުނިކޭޝަން އަދި ޕްރޮކިއުމަންޓް މަސައްކަތްތަކަށެވެ.

ޝިފާ ވިދާޅުވީ އެ ބަދަލާއިއެކު ސިޓީ ކައުންސިލް މާފަންނު އޮފީސް ދެން ބޭނުންކުރަން ފަށާނީ މާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭ ކަންކަން ބަލަހައްޓާ އޮފީހުގެ ގޮތުގައިކަމަށެވެ.

"ދެން މާފަންނު އޮފީސްވާނީ ޕްރޮޖެކްޓް ހިންގާ އޮފީހަށް. އެންމެ ފުރަތަމަ ކުރިއަށްގެންދާނީ ވެސްޓް ޕަރކް ކައިރި މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް. ވަކި އޮފީހެއް ޕްރޮޖެކްޓްތަކަށް ހެދީމައި އާއްމުން އައިސް ހަމަ ޕްރޮޖެކްޓްކާއި ގުޅޭ މަޢުލޫމާތުތައް ފަސޭހައިން ހޯދަންވީ." ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިއަހަރު ކުރިއަށްގެންދާނީ، ޕަބްލިކް ޓްރާންސްޕޯޓް މަސައްކަތް ފެށުމަށް މާލޭގެ މަގުތައް ސާފުކޮށް ޖާގަ ހެދުމުގެ މަސައްކަތެވެ. އެގޮތުން މިހާރުވެސް ބޮޑެތި މަގުތަކުގައި ނުގަވައިދުން ޕާކުރުން ހުއްޓުވުމާއި، އިތުރު ޕާކިންގ ޒޯންތައް ވަނީ ހަދާފައެވެ. އަދި މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިހާރުވެސް 3 އޮފީހެއް މެދުވެރިކޮށް ދަނީ ޚިދުމަތްދެމުންނެވެ. އެއީ ސިޓީ ކައުންސިލްގެ އޮފީގައި ވެށިފަހި އޮފީސް އަދި ތައިސޭ ކޮށީގައިވެސް ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދެއެވެ.