ޚަބަރު

ހިމަބިހި ޖެހިފައިވާކަމަށް ޝައްކުވާ މީހަކު ފެނިފައިވާތީ ބަލި ދެނެގަތުމަށް ޓެސްޓްކުރަން ފަށައިފި


ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ބަލި ޖެހިފައިވާކަމަށް ޝައްކުވާ މީހަކު ފެނިއްޖެކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފައި ވަނީ އެ މީހާގެ ގައިގައި ހިމަބިހި ނުވަތަ މީސަލްސް ވައިރަސް ހުރިތޯ ޔަގީންކުރުމަށް އެކަމަށް ބޭނުންވާ ޓެސްޓްތައް މިހާރު ހަދަމުންދާކަމަށެވެ. އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހެލްތް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ހިމަބިއްސަކީ މީސަލްސް ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެގެން ޖެހޭ ވައިރަލް ރޯގާއެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ނޭފަތުން ފެން އައުމާއި، ލޮލުން ދިލަނެގުން ހިމެނެއެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މި ބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންގޮސްފައި ވެއެވެ.

މީސަލްސް ވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގ ޑޯޒްތައް ފުރިހަމަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިރުޝާދުދީފައެވެ.

ޚާއްސަކޮށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ގަވައިދުން ދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި ހި،މަބިއްސަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު، ތުއްތު ކުދީންނަށް ވެކްސިން ނުދިނުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނާތީ ސަރުކާރުން ގެންދަނީ އެކަމަށްވެސް ފިޔަވަޅުތައް އަޅުއްވަމުންނެވެ.