ޚަބަރު

ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން އެހީ ދީފި


ކ.ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދެމުންއަންނަ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން އެހީ ދީފިއެވެ.

ޖަޕާނު ސަރުކާރުން ގުރަދޫގައި ހުންނަ ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒަށް ދިން އެހީގެ ތެރޭގައި ސިއްޙީ ޚީދުމަތްދިނުމަށް ބޭނުންކުރަމުން އަންނަ އިމާރާތް މަރާމާރުކުރުމާއި، އަދި އެތަނަށް ބޭނުންވާ ތަކެތި ހަދިޔާކުރުން ހިމެނެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާއްސައެހީއަށް ބޭނުންވަ މީހުންގެ މަރުކަޒުގެ ސީއީއޯ އިމްރާން އިބްރާޙިމްއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނުސަރުކާރުންވާނީ އެ މަރުކަޒަށް 1.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފައެވެ.

ތަކެތި ޙަވާލުކޮށްދެއްވައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ އިޖްތިމާޢީ ކަންކަން ކުރިއެރުވުމުގައި ޖަޕާނުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމަށެވެ. އަދި މި އެހީގެ ސަބަބުންވެސް އެ މަރުކަޒުގައި ބަލަހައްޓާ މީޙުންނަށް ފަރުވާ ދިނުމުގައި ކުރިއެރުން ލިބޭނެ ކަމެއްކަމަށް ކެއިކޯ ޔަނާއީ ވިދާޅުވިއެވެ.

"ކްލިނިކް އިމާރާތުގެ ފުރާޅާއި، ދޮރުތައް ބަދަލުކުރުމާއި، ވަޔަރިންގ ކަންކަމާއި، އަދި ފުރޮޅުލީ ގޮނޑީގައި އިމާރާތަށް ވަދެވޭގޮތަށް ހަދާނަން. އަދި އެމަޖެންސީގައި ފުރަތަމަ ފަރުވާދެވޭނެ ތަކެތި މި އެހީގެދަށުން ހަމަޖެހިގެންދާނެ." ސަފީރު ވިދާޅުވިއެވެ..

ޙާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގެ ސީއީއޯ އިމްރާން އިބްރާޙިމް ވިދާޅުވީ، އެ މަރުކަޒުގައި އުޅޭ މީހުންނަށް ސިއްޙީ ކުއްލި ފަރުވާ ދެވެން ނެތުމަކީ މިހާރުވެސް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"މިހާރު އެމަރޖެންސީ ފަރުވާ ދެވެން ނެތީމަ ވަގުތުން ޖެހެނީ ލޯންޗެއްގައި މާލެ ގެންދަން. ގެންދާއިރު މީހާ ސްޓެބަލައިޒްކޮށްފައި ފޮނުވޭނެ ގޮތެއް ނެތް. ނަމަވެސް މި އެހީއާއިއެކު މީހާއަށް ދޭންޖެހޭ ފުރަތަމަ ފަރުވާ ސީދާ މަރުކަޒުން ދީ، ސްޓެބަލައިޒްކޮށްފައި ފޮނުވޭނެ." އިމްރާން އިބްރާޙިމް ވިދާޅުވިއެވެ.

ޖަޕާނުން ހަދިޔާކުރި ތަކެތީގެ ތެރޭގައި 4 ޕޭޝަންޓް ބެޑާއި، 4 އިލެކްޓްރޯ ކަރޑިއޮގްރަފީ ސިސްޓަމާއި 4 ސެޓު ސަރޖަރީ އިކުއިޕްމަންޓް އަދި މިނޫންވެސް މެޑިކަލް ރޫމަކަށް ބޭނުންވާ މުހިންމު ސާމާނު ހިމެނެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މިހާތަނަށް 1800 އަށްވުރެ ގިނަ މީހުންނަށް ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިހާރުވެސް އެމަރުކަޒުގައި 200 އަށްވުރެ ގިނަ މީހުން ގެންދަނީ ބަލަހައްޓަމުންނެވެ. އެތަނުގައި ޚިދުމަތް ދިނުމަށް 170އެއްހާ މުޢައްޒަފުން މަސައްކަތްކުރެއެވެ.

ސަރުކާރުންވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުން އަންނަ އުމުރުންދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ވަކި މަރުކަޒުތަކެއް އެޅުމަށްވެސް ނިންމާފައެވެ.