ޚަބަރު

މިދައުރުގެ އެންމެ މުހިންމު މަސައްކަތަކަށްވާނީ މިނިމަމްވޭޖް ކަނޑައެޅުން - އިސްމާއިލް


ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރުގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ ރާއްޖޭގެ މަސައްކަތްތެރިންނަށް ދެވޭނެ އެންމެކުޑަ އުޖޫރަ ކަޑައެޅުންކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް ވިދާޅުވީ މިދައުރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާ ކޮށްފައިވާކަމަށެވެ.

މިދައުރުގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރުމަށް ނިންމާފައިވާ އެއްކަމަކީ މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތްކަމަށެވެ. މިނިމަން ވޭޖާ ގުޅޭގޮތުން ލަފާދޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވަން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މެމްބަރު އިސްމާއިލް ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމަށް އެކުލަވާލާފައިވާ ރިޕޯޓަށް ކެބިނެޓްގައި ކުރެވޭ މަޝްވަރާތަކަށްފަހު މަޖިލީހަށް ހުށަހެޅުމުން މަސައްކަތްތެރިންނަށް ދެވޭނެ އެންމެކުޑަ އުޖޫރައަކީ ކޮބައިކަން ކަނޑައަޅަން ފަސޭހަވެގެންދާނެކަމަށެވެެ. މިހާތަނަށް މަޖިލިސް ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި އެންމެކުޑަ އުޖޫރަ ކަނޑައަޅާނެ ދާއިރާތަކާއި، އުޖޫރަ ކަނޑައެޅިގެންދާނެ ގޮތާގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

‏ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓަށް ވަޒީރުންގެ މަޖިލީހުގައި އަންނަ ހަފްތާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު އެންމެ ކުޑަމިނުން ދެވޭ އުޖޫރައަކީ ކޮބައިކަމެއް އަދި ސާފްނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވިއެވެ.

އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ ހަހާސް ރުފިޔާ ކަމަށްބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ނުރުހުން ފާޅުކޮށްފައިވާއިރު މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް އަދި މިރިޕޯޓް އެކުލަވާލެއްވި ފަރާތްތަކުންވެސް އެންމެ ކުޑައުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރެއް ހާމަކުރައްވާފައެއްނުވެއެވެ.