ލައިސަންސް ނެތި އަދި ރައިޓްސް ނެތި ބައެއް ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީ-ބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީ-ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ބްރޯޑްކާސްޓިން ކޮމިޝަނުން ލައިސަންސް ހޯދައިގެންނެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި މި ޚިދުމަތް ލައިސަސްނެތި ދެމުންދާކަމުގެ ކަންބޮޑުވުން ކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުންވަނީ ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީ-ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށާ، މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައި ވިދާޅުވެފައެވެ. އަދި ލައިސަންސް ނެތި ރީ-ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ޢާމްދަނީ ނުލިބޭކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް ރީ-ބްރޯޑްކާސްޓްކުރަމުންދާ ރިސޯޓުތަކުގެ މައްސަލަ ބެލުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމުގައިވެސް މިބައްދަލުވުމުގައި ކޮމިޝަނުން ފާހާގަކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް އެކަށީގެންވާ ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޓުއަރިޒަމް މިނިސްޓްރީންވަނީ ދެއްވާފައެވެ.