ވިޔަފާރި

ރާއްޖެއަށް ކުރި ތަޢުރީފްތަކާއެކު ރާއްޖެ އައުމަށް ގާޑިއޯލާއަށް ދަޢުވަތު ދީފި


ރާއްޖެއަކީ މަޝްހޫރު އެތައް ބަޔަކު ޗުއްޓީ ހޭދަކުރުމަށް އަބަދުވެސް ޒިޔާރަތްކުރާ ޤައުމެކެވެ. ޤަވާއިދުން އަންނަ ފަންނާނުންނާއި މަދުމަދުން އަންނަ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ ޒިޔާރަތްކުރާ މަޝްހޫރު މީހުން ރާއްޖެއަށް ކުރާ ޒިޔާރަތްތަކުގައި ކުރާ ތަޖުރިބާ ސޯޝަލް މީޑިއާގައި އަބަދުވެސް ހިއްސާކުރެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރާ ދޮންވެލި ހުދު ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތަކާއެކު އެތައް މިލިއަން ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދެއެވެ.

ދާދިފަހުންވެސް ވަނީ މިފަދަ ތަފާތު ކަމެއް ހިނގާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު މެންޗަސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ރާއްޖެއާ ގުޅުވައިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާއާއި ރާއްޖެއަށް މިވަނީ ބައިނަލްއަޤްވާމީ މީޑިއާގައިވެސް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ރާއްޖެއާ ގުޅޭގޮތުން ގަޑިއޯލާ ދެއްކި ވާހަކަތައް ފެށިގެން އައީ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ނޫސްވެރިޔަ ކުރި ސުވާލަކާ ގުޅިގެނެވެ. ނޫސްވެރިޔާގެ ސުވާލަކަށްވީ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ގާޑިއޯލާ ޙަވާލުވެދާނަންތޯއެވެ.

ޖަވާބުގައި އޭނާ ބުނީ ބާސެލޯނާއަށް ކޯޗުކޮށްދިނުމަށްފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމާ ޙަވާލުނުވާނޭ އުޞޫލުން، މެންޗަސްޓަރ ސިޓީއަށް ކޯޗުކޮށްދިނުމަށްފަހު، މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ޙަވާލުނުވާނޭކަމަށެވެ. ނޫސްވެރިޔާ ސުވާލު ތަކުރާރު ކުރުމުންވެސް ގާޑިއޯލާ ބުނީ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ޙަވާލުނުވާނެކަަމަށެވެ. އެވަރުންވެސް ނޫސްވެރިޔާ ގޮތެއް ދުލެއް ނުކުރިއެވެ. ގާޑިއޯލާއާ ދެން ކުރި ސުވާލަކީ، ހަމައެކަނި އޮތް ހުށަހެޅުމަކީ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ޙަވާލުވުންކަމަށްވާނަމަ ކިހިނެތްހޭ ހަދާނީއެވެ. ޖަވާބުގައި ގަޑިއޯލާ ބުނީ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ޙަވާލުވުމަށްވުރެ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުންވެސް މާ ރަނގަޅުކަމަށެވެ.

މެންޗަސްޓަރ ޔުނައިޓެޑްއަށްވުރެ ބޮޑަށް ރާއްޖެއަށް އިސްކަންދިނީ ކީއްވެތޯ ނޫސްވެރިޔާ ސުވާލުކުރުމުން ގޮލްފް ކުޅުމަށް ބޮޑު ޝަޢުޤުވެރިކަމެއް ހުންނަ ގާޑިއޯލާ ބުނީ ރާއްޖޭގައި ގޮލްފް ކުޅެވޭނެ ގޮތެއް ނެތަސް، ރާއްޖެއަކީ އެފަދަ ދެވަނައެއް ނުވާ ފަދަ ތަނެއްކަމަށެވެ.

ރާއްޖޭގައި ގޮލްފް ކުޅޭނެ ތަނެއް ނެތްކަމަށް ގާޑިއޯލާއަށް ބުނެވުނަސް ރާއްޖޭގައި ގޮލްފް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ރިސޯޓްތައް ހުރެއެވެ. ކޮންމެއަކަސް ރާއްޖެއާ ގުޅޭގޮތުން ގާޑިއޯލާ ދެއްކި ވާހަކަތައް ހަމައެކަނި އައީ ދިވެހިންގެ ސަމާލުކަމަށް އެކަންޏެއް ނޫނެވެ. ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީއަށްވެސް ގާޑިއޯލާއާއި ރާއްޖޭގެ ވާހަކަތައް އައެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކަށް ގާޑިއޯލާއާއި ރާއްޖޭގެ ވާހަކަތައް މިހާރު ވަނީ ވެފަައެވެ. މިފަދަ ސަމާލުކަމެއް ހޯދުމަށް މިލިއަނުން ޑޮލަރު ޚަރަދުކުރަންޖެހުނަސް ރާއްޖެއަށް މިފަހަރު ސަމާލުކަން ލިބުނީ މާބޮޑު ޚަރަދެއް ނުކޮށެވެ.

ގާޑިއޯލާގެ ސަބަބުން ރާއްޖެއަށް ލިބުނު ސަމާލުކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ޒިންމާ އޮންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރުސީން ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި އެމްއެމްޕީއާރުސީން ވަނީ ޗުއްޓީއަށް ރާއްޖެ އައިސް ގޮލްފް ކުޅުމުގެ ދަޢުވަތުވެސް ގާޑިއޯލާއަށްވެސް ދީފައެވެ. އެފަދަ ދައުވަތެއް އޭނާއަށް ދޭން ނުޖެހޭ ސަބަބެއް ނެތެވެ. ޕީއާރު ކުންފުނިތަކުން މިލިއަނެއްހާ ޑޮލަރަށް ކޮށްދޭވަރުގެ އިޝްތިހާރެއް އޭނާ އެ ކޮށްދިނީ ހިލޭއެވެ.