ކުޅިވަރު

ގްރީން ސްޓްރީޓްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި


ދިިިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ލީގުގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

މި މެޗު ޓީސީއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޓީސީ ނުކުތީ ބޮޑު ބަދަލަކާއެކު އެވެ. އެގޮތުން ފޯކައިދޫ ފުޓްބޯލް ކްލަބުން ޓީސީއާ ގުޅުނު ތިން ކުޅުންތެރިން ވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފައެވެ. އެއީ ގޯލު ބެލެހެއްޓި ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އާއި ޑިފެންޑަރު މަހުމޫދު ސައީދު އާއި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަލީ ޝާމިސްއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެ ނުޖެހިއެވެ. ޓީސީން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 53 ވަނަ މިނެޓުގައި އިސްމާއިލް އީސަ ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީ ޓީސީއަށް ލިބުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ އިޝާން އިބްރާހިމްއަށް ގްރީން ސްޓްރީޓްސްގެ ޤާސިމް ސައްމާމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޓީސީގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްމާއިލް އީސައެވެ.

މި މޮޅާއެކު ޓީސީ ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލީ 15 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ގްރީން ސްޓްރީޓްސް މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފައެވެ. އެޓީމަށް 16 މެޗުން ލިބިފައިވަނީ 26 ޕޮއިންޓްއެވެ. ލީގުގެ ދެ ވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދާފައިވާ އީގަލްސްއެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ވަނީ 16 މެޗުން 41 ޕޮއިންޓް ހޯދައިފައެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ ޓީސީ އާއި އީގަލްސް ވާދަކުރާ މެޗު އެކަންޏެވެ. މި މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ.